ބަލި ފެތުރުނު ގއ. ދެއްވަދޫ މަހެއްހާ ދުވަސް ފަހުން، އާންމު ހާލަތަކަށް ގެނެސް އަރައި ފޭބުން ހުއްދަ ކޮށްފި އެވެ.

ކޮވިޑް ކޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކޮށް، ދެއްވަދޫ މޮނީޓަރިން ހާލަތައް ގެނައީ މިދިޔަ މަހު ހަތް ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެރަށް އިތުރަށް މޮނީޓަރިން ހަލާތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން ރަށް މިހާރު މޮނީޓަރިން ހާލަތުން ނަގާފައިވާ ކަމަށެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ، އެރަށުގެ ކްލްސާޓާއިން 95 އަށްވުރެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެއްވަދުއިން ޕޮޒިޓިވީ 69 މީހެކެވެ.

އޭނާ ވިދާޅުވީ، އޭގެ ތެރެއިން ބައެއް މީހުން މިހާރު ބަލިން ފަސޭހަވެފައިވާ ކަމަށެވެ. އަދި ބަލީގެ ހާލަތު ގޯސްވެފައި ވަނީ، ވިލިނގިލީ ކޮވިޑް ފެސިލިޓީގައި އަދިވެސް ފަރުވާ ދެމުން އަންނަ އުމުރުން 79 އަހަރުގެ މީހާ ކަމަށް ތައުފީގު ވިދާޅުވި އެވެ. އެހެން އެންމެގެ ހާލުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް 15،800އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 14،139 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ 52 އެވެ.