ނޭޕީޑޯ (ފެބްރުއަރީ 1): މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގައި އަލުން އާއްމު އިންތިހާބެއް ބާއްވާ، އެ އިންތިހާބު ކާމިޔާބު ކުރާ ޕާޓީއަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފި އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެފަދައިން ބުނީ އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ އާއި ރައީސް ވިން މިޔިން އާއި ސިޔާސީ އިތުރު ލީޑަރުން މިއަދު ހައްޔަރު ކުރުމަށް ފަހު އެވެ. އަދި އަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފް، ސީނިއާ ޖެނެރަލް މިން އަންގް ލައިން ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފާ ކަމަށާއި އެއް އަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ކަމަށް ސިފައިންގެ މީޑިއާއިން ބުނި ފަހުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އެފަދައިން އަމަލު ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. އެ އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ މަތީގޭގެ 161 ގޮނޑިއަކަށާއި ތިރީގޭގެ 315 ގޮނޑިއަކަށް ވޯޓު ލާފައިވެ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ 25 ޕަސެންޓު ގޮނޑިއަށް މެމްބަރުން އައްޔަން ކުރަނީ އަސްކަރިއްޔާއިންނެވެ.

އެ އިންތިހާބުގައި ވޯޓަށް ހުޅުވާލި ގޮނޑީގެ ތެރެއިން 83 ޕަސެންޓު ގޮނޑި ކާމިޔާބު ކުރީ ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)އިންނެވެ. ނަމަވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ އެ ނަތީޖާއާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

"އަޅުގަނޑުމެން އަސްލު މަލްޓި-ޕާޓީ ޑިމޮކްރަސީއެއް ހިންގާނަން... އަދި މިނިވަން، އިންސާފުވެރި އާއްމު އިންތިހާބަކަށް ފަހު، ކުއްލި ހާލަތުގެ މުއްދަތު ނިމުމުން ވެރިކަން ހަވާލު ކުރާނަން،" އަސްކަރިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވެ އެވެ.

މިޔަންމާގެ އަސްކަރިއްޔާގެ ބަޣާވާތަށް ފަހު އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ފޯނު އަދި އިންޓަނެޓުގެ ހިދުމަތަށް ބުރޫ އަރާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް ސޫޗީގެ ފޭސްބުކް ޕޭޖުގައި އެންއެލްޑީން ހިއްސާކޮށްފައިވާ ބަޔާނެއްގައި ވަނީ، "ބަޣާވާތާ ދެކޮޅަށް ތެދުވުމަށް" ސޫޗީ ގޮވާލައްވާފައިވާ ކަމަށް ބުނެފަ އެވެ.

މިޔަންމާގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އިންތިހާބަކީ އެގައުމުގައި އޮތް އަސްކަރީ ވެރިކަން 2011 ވަނަ އަހަރު ނިމުމަކަށް ގެނައި ފަހުން އެގައުމުގައި ބޭއްވި އެފަދަ ދެވަނަ އިންތިހާބެވެ.

މިޔަންމާގެ އަސްކަރީ ވެރިކަމުގައި ސޫޗީ ގޭ ބަންދުގައި 15 އަހަރު ހޭދަ ކުރެއްވި އެވެ. އަދި 2015 ވަނަ އަހަރު އޭނާ ވެރިކަމަށް ވަޑައިގެންނެވީ އަސްކަރިއްޔާގެ ތާއިދު ލިބޭ ޕާޓީ ބޮޑު ތަފާތަކުން ބަލި ކުރެއްވުމަށް ފަހުގަ އެވެ.

ނަމަވެސް އޭގެ ކުރިން އަސްކަރިއްޔާގެ ވެރިކަމުގައި މިޔަންމާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކާ ގުޅިގެން ސޫޗީއަށް ރައީސް ކަމަށް ވަޑައިގަތެވޭ ގޮތެއް ނުވި އެވެ. އެ އިސްލާހުގައިވާ ގޮތުން ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ އެވެ. އަދި ސޫޗީގެ ދެ ދަރިންނަކީވެސް އިނގިރޭސި ރައްޔިތުން ކަމުން އޭނާއަށް ރައީސް ކަމަށް އިސްވެވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅިގެން ސޫޗީއަށް އެގައުމުގެ ޑިފެކްޓޯ ލީޑަރުކަން ކުރެވޭ ގޮތަށް "ސްޓޭޓް ކައުންސިލަރ"ގެ ނަމުގައި މަގާމެއް އުފައްދާ، އެ މަގާމަށް އޭނާ އައްޔަންކުރި އެވެ.