ރޭ މާލޭގައި ހިނގި މާރާމާރީތަކުގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ މާލޭގައި ހަތަރު މާރާމާރީއެއް ހިނގައި، ފަސް މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން ތިން މީހަކަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ.

އެ ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ. އޭނާ އަކީ މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހިނގި މާރާމާރީގައި އަނިޔާވި މީހެކެވެ.

ދެން ފަރުވާ ދެމުންދާ ދެ މީހުންނަށް މިހާރު ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗްގެ އޮފިޝަލު ވިދާޅުވި އެވެ. އެ މީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.

ރޭ އެންމެ ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ކިންގް ސަލްމާން މިސްކިތް ކައިރީގައި ހުންނަ ފުޓްސަލް ދަނޑު ކައިރީގަ އެވެ. އެއީ ރޭ 7:35 އެހާކަންހާއިރެވެ.

އަދި ރޭ 9:15 އެހާކަންހާއިރު އަސަރީ ހިނގުމުގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ކަރަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ. އެ ހަމަލާގައި ޒަހަމްވީ 36 އަހަރުގެ މީހަކަށެވެ. އޭނާގެ ހާލު ސީރިއަސް އެއް ނޫނެވެ.

އޭގެ ފަހުން ރޭ 11:26 ގައި ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވެ އެވެ. އެ މާރާމާރީއާ ގުޅިގެން ތިން ކުޑަކުދިންނާއި އިތުރު ދެ މީހަކު ހައްޔަރު ކުރި އެވެ. އަދި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ރޭ ދަންވަރުވެސް މާލޭގައި މާރާމާރީއެއް ހިންގި އެވެ. އެއީ ރޭ 1:32 އެހާކަންހާއިރު މުތީ ގޯޅީގައި ބަޔަކު މީހަކަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައިވެ އެވެ. އެ މީހާވެސް ގެންދިޔައީ އައިޖީއެމްއެޗަށެވެ.