01 Feb 2021, 13:00
ރޭ މާލޭގައި ހިނގި މާރަމާރީތަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
މާލޭގައި ރޭ ހަތަރު މާރަމާރީއެއް ހިނގި އެވެ.
ފުލުހުން ބުނީ ބަޔަކު ހަައްޔަރުކޮށްފައި ވަނީ ރޭ ވިލިމާލެ ފެރީޓާމިލް ކައިރީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށެވެ. އެއީ ރޭ ތިން ވަނަައަށް ހިނގި މާރާމާރީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ، ރޭގެ އެ މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށެވެ.
އެ މާރަމާރީގައި ތިން މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ. އޭގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.
ފުރަތަމަ މަރާމާރީ ހިނގީ ރޭ 7:00 އެހާކަންހާއިރު، ކިންގްސަލްމާން މިސްކިތާ އިންވެގެން އޮންނަ ކުޑަހެންވޭރު ފުޓްސަލް ދަނޑު ކައިރިންނެވެ.
ދެވަނަ މާރަމާރީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފުޓްސަލް ދަނޑުގައި މާރަމާރީ ހިނގިތާ ދެ ގަނޑިއިރެއްހާ ފަހުންނެެވެ. މާފަންނު އަސަރީ ހިނގުމުގައި ހިނގި އެ މާރާމާރީގައި އަނިޔާވެފައިވަނީ، އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ. އެނގިފައިވާ ގޮތުގައި ހަަމަލާ ދީފައިވަނީ އެ ފިރިހެން މީހާގެ ކަރަށެވެ. އަނިޔާ ލިބުނު މީހާއަށް އައިޖީއެމްޗްގައި ފަރުވާ ދެމުންދާއިރު، ވަޅި ހެރުމުގެ ސަބަބުން މާބޮޑު ޒަހަމެއް ލިބިފައި ނުވާކަމަށްވެ އެވެ.
ހަތަރު ވަނަ މާރާމާރީ ހިނގީ، ފެރީ ޓާމިނަލްގައި މާރާމާރީ ހިނގިތާ ދެ ގަޑިއިރު ފަހުން ދަންވަރު 1:36 ހާއިރު އެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހުނަށް ލިބުނީ މުތީ ގޯޅީގައި މީހަކު ޒަހަމްވެގެން ވެއްޓިގެންނެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާއަށް އަނިޔާވެފައިވަނީ ބަޔަކު މީހުން އައިސް ހިންގި މާރާމާރީއެއްގައި ކަމަށެވެ. އޭނާގެ ބޯ ފަޅައިގެން ދިޔުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެ އެވެ.
މާލޭގައި ރޭ ހިނގި ހަތަރު މާރާމާރީވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، މާރާމާރީތައް ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.