01 Feb 2021, 13:58
ޒަމާންގަނޑަކަށް ފަހު އަނެއްކާ ވެސް މާލޭގައި ރޭ ވަނީ ފުލުފުލުގައި މަރާމާރީތަކެއް ހިންގައިފަ އެވެ. އެގޮތުން ކޮންމެ ދެ ގަޑިއިރަކުން ކަހަލަ ގޮތަކަށް ރޭ މާލޭގައި "ސިލްސިލާ"ކޮށް މާރާމާރީތަކެއް ހިންގި އެވެ. އެ މާރާމާރީތަކާ ގުޅޭ ގޮތުން ހާމަވެފައި ހުރި މައުލޫމާތުތަކަށް ބަލާއިރު ބައެއް ހަމަލާތައް ދިނީ ސީދާ ފުރާނަ ދުއްވާލުމަށް އަމާޒުކޮށްގެންނެވެ.
މިހާރު ސުވާލަކީ؛ ނުރައްކާތެރި މާރާމާރީއެއްގެ ސިލްސިލާއެއް އަނެއްކާ މި ފެށުނީ ހެއްޔެވެ؟ މި މާރާމާރީތައް ގޮސް ގޭންގުތަކާ ގުޅެނީ ކިހާ ހިސާބަކުން ހެއްޔެވެ؟
އެކިއެކި ފަރާތްތަކުން "ސަން" އަށް ހޯދި މައުލޫމާތުތަކުން ހާމަވި ގޮތުގައި ރޭގެ މާރާމާރީތަކުގެ އަސްލު ގޮސް ގުޅެނީ، ޓާމިނަލް ކެފޭތެރޭގައި 2017 ވަނަ އަހަރު ވަޅި ޖަހައި މަރާލި ނަދީމް އަބްދުއްރަހީމް (ނަޑޭ)ް، 23 މަރާލި މައްސަލައިގައި ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ބަޔަކު ހެކިބަސް ދިން ގޮތަކާ ގުޅިގެން ގުރޫޕްތައް "ހޫނުވެ" ހިންގާ ބަދަލުހިފުމެކެވެ.
ނަމަވެސް ހަމަލާ ދީފައިވަނީ ސީދާ އެ "ސިއްރު ހެކިންނަަށް" ކަމެއް އަދި ސާފެއް ނޫނެވެ.
ނަދީމްގެ މަރުގެ މައްސަލައިގައި ހަަތަރު މީހަކަށް ދައުވާކޮށްފައިވާއިރު އިއްޔެގެ ޝަރީއަތުގައި ދައުލަތުން ހުށަހެޅި ސިއްރު ދެ ހެކިވެރިއަކު އެ މީހުންނާ ދެކޮޅަށް ހެކިބަސް ދިނެވެ.
ﷲ ގަންދީ ހުވާކޮށް އެ ދެ ހެކިވެރިން އިއްޔެ ޝަރީއަތުގެ މަޖިލީހުގައި ބުނީ ނަދީމުގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ، ނަދީމް މަރާލި ކަމުގެ ދައުވާ ރައްދުވާ ގ. ޝާރާޒް، މުހައްމަދު މަފާޒު ކަމަށެވެ. އަދި އެ މީހުން ބުނީ، ހަމަލާ ދިން ވަގުތު މަފާޒު ހުރީ މޫނު އަޅައިގެން ކަމަށާއި ނަމަވެސް ފަހުން މަފާޒު އޭނާގެ މޫނުގައި އަޅާފައިވާ އެތި ނެގި ކަމަށެވެ. އެ މީހުންނަށް އެއީ މަފާޒުކަން ޔަގީންވީ އެހެންވެ ކަމަށް ކޯޓުގައި އެ ހެކިވެރިން ބުންޏެވެ.
މަފާޒަކީ މާލޭގައި ހިންގާ ގޭންގަކަށް ނިސްބަތްވާ މީހެކެވެ.
މާރާމާރީތައް ރޭ ފެށުނީ 7:00 އެހާކަންހާއިރު، ކިންގްސަލްމާން މިސްކިތާ އިންވެގެން އޮންނަ ކުޑަހެންވޭރު ފުޓްސަލް ދަނޑު ކައިރިންނެވެ. އެ ދަނޑުގައި މުބާރާތެއްވެސް ކުރިއަށް ދިޔައިރު މާލޭގެ އެކި ހިސާބުތަކަށް ނިސްބަތްވާ ގޭންގަތަކުގެ ބައެއް މީހުން އެ ސަރަހައްދުގައި މެޗު ބަލަން ޖަމާވެފައި ތިއްބެވެ.
ދެވަނަ މާރަމާރީ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފުޓްސަލް ދަނޑުގައި މާރަމާރީ ހިނގިތާ ދެ ގަނޑިއިރެއްހާ ފަހުންނެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު އަސާރީ ހިނގުމުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓް ލިބުނީ ރޭ 9:15 އެހާކަންހާއިރު އެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ، އުމުރުން 36 އަހަރުގެ ފިރިހެނަކަށެވެ. އެނގިފައިވާ ގޮތުގައި ހަަމަލާ ދީފައިވަނީ އެ ފިރިހެން މީހާގެ ކަރަށެވެ. އަނިޔާ ލިބުނު މީހާއަށް އައިޖީއެމްޗްގައި ފަރުވާ ދެމުންދާއިރު، ވަޅި ހެރުމުގެ ސަބަބުން މާބޮޑު ޒަހަމެއް ލިބިފައި ނުވާކަމަށް އެނގިފައިވެ އެވެ.
ތިންވަނަ މާރާމާރީ ހިނގީވެސް އޭގެ ދެގަޑިއިރު ފަހުންނެވެ. ފުލުހުނަށް އެ މާރަމާރީގެ ރިޕޯޓު ލިބުނީ، ރޭ 11:26ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތިންވަނަ މާރަމާރީ ހިނގީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީ ދެ ގުރޫޕެއްގެ ދެމެދު އެވެ. އެ މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭގެ ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.
ހަތަރުވަނަ މާރަމާރީވެސް ހިނގީ އޭގެ ދެގަޑިއިރު ފަހުންނެވެ. މުތީ ގޯޅީގައި ހިނގި އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ރޭ ދަންވަރު 1:32ގަ އެވެ.
ފުލުހުންނަށް ރިޕޯޓު ލިބުނީ އެ ގޯޅީގައި މީހަކަށް އަނިޔާވެގެން ވެއްޓިފައިވާ ކަމުގެ ރިޕޯޓެވެ.
"މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މީހާއަށް އަނިޔާވެފައިވަނީ ބަޔަކު މީހުން އައިސް ހިންގި މާރާމާރީއެއްގައި،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާގެ ބޯ ފަޅައިގެންދިޔުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލްތަކެއް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.
އެ މާރާމާރީތަކުގެ ތެރެއިން ވިލިމާލޭ ފެރީޓާމިނަލް ކައިރީ ހިނގި މާރާމާރީއާ ގުޅިގެން ތިން ކުޑަކުދިން ހިމެނޭ ގޮތުން ޖުމްލަ ފަސް މީހަކު މިހާރު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މާރާމާރީގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.
މާލޭގައި ރޭ ހިނގި ހަތަރު މާރާމާރީވެސް ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު، މާރާމާރީތައް ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.