01 Feb 2021, 21:02
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީން ދޫކޮށްފައިވާ ބައެއް ރޯހައުސްތައް ކުއްޔަށް ދޫކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިއަދު ބުނީ އެކި މަޝްރޫއުތަކުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ރޯހައުސްތައް ކުއްޔަށް ދިނުމަކީ، ސަރުކާރުގެ ޝޯޝަލް ހައުސިންގ ދޫކުރުމުގެ މަގްސަދާ ހިލާފު، މަނާ ކަމެއް ކަމުގައި އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށެވެ.
އަދި ރޯހައުސް ކުއްޔަށް ދޫކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ވެސް ކައުންސިލުން ވަނީ އަންގައިފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކުޅުދުއްފުށީގެ ތިން ސަރަހައްދެއްގައި ރޯހައުސްތައް އެޅުމަށް ހަވާލުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް މީހުން އުޅެން ފަށައިފައި ވަނީ ކަނބޯރަނިހިޔާ ސަރަހައްދުގައި ހެދި 25 ރޯހައުސްގައި އެކަންޏެވެ.
މާފަލުހިޔާގައި ހެދި ރޯހައުސްތައް މިހާރު ވަނީ ހަލާކުވެ މަރާމާތަށް ވަރަށް ބޮޑަށްް ބޭނުންވެފަ އެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ރޯހައުސްތަކުގެ ތަޅުދަނޑި ވެސް ހަވާލުކުރި އެވެ. ނަމަވެސް އެތަން ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި ހުރުމުން މީހުންނަކަށް ނުވަދެވުނެވެ.
އެސިޓީގެ ބަންޑާރަހިޔާގައި ހަދަން ފެށި 100 ރޯހައުސްގެ މަސައްކަތް ހުއްޓިފައި އޮތް ގޮތަށް އަދި ވެސް އޮތީ އެވެ.