ކޮވިޑް19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް އެންމެ ގާތުން މަސައްކަތްކުރި އެއްބޭފުޅަކީ ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ކޮވިޑް ބަލީގައި ހާލުބޮޑުވި އެތައް ބަލިމީހުންނެއްގެ ހާލަތު ގާތުން ފެނިވަައިގަތެވެ. ބަލީގައި ފުރާނަ ދޫކުރި ބައެއް މީހުން ތަހައްމަލު ކުރި ވޭންވެސް ދެކިވަޑައިގަތެވެ.

މިއަދަކީ ޑރ. ޝިރާނީ ފަދަ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އާ އުއްމީދެއް ލިބުނު ދުވަހެކެވެ. ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ތާރީހީ ޕްރޮގްރާމް ރާއްޖޭގައި މިއަދު ފަށާފައިވާއިރު ރާއްޖޭގައި ފުރަތަމަ ކޮވިޑް ވެކްސިން ޖެއްސެވީ ޑރ. ޝިރާނީ އެވެ.

"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ވަރަށް އެކްސައިޓުވެސް ވެފައި މިހުރީ. ވެކްސިން ގެނެސް ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަކީ އުފާވެރި އިހުސާސެއް،" ޑރ. ޝިރާނީ ވިދާޅުވި އެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހި، ޑރ. ޝިރާނީ: އޭނާ އަކީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ފަރާތް -- ފޮޓޯ/ ރައީސް އޮފީސް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީކޮށް ވެކްސިން ޖަހަން މިއަދު ފެށިއިރު ވެކްސިން ޖެހުމަކީ ބިރުގަތް ކަމެއް ނޫން ކަމަށް ޑރ. ޝިރާނީ މިއަދު ވިދާޅުވި އެވެ.

"ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކޮށްގެން ވެކްސިން އަޅުގަނޑުމެންނާ ހަމައަށް މިއައީ. ޕްރޫވްޑް ވެކްސިން އެއް މިއީ. އެހެންވެ ޖެހިލުމެއް ނުވޭ. އައިތިންކް އިޓްސް ޕްރިޓީ ސޭފް އިރާދަކުރެއްވިއްޔާ،" ޑރ. ޝިރާނީ ވިދާޅުވި އެވެ.

މި ވަގުތު ރައްޔިތުނަށް ނަމޫނާ ދައްކަން ތިބި ބަޔަކީ ފްރަންޓްލައިންގައި ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެނިހެން ހިދުމަތްތެރިންނެވެ.

ޑރ. ޝިރާނީ ވެސް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާއިރު ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ވެކްސިންޖަހާ މީހަކަށްވުމަށް ހުށަހެޅުން ލިބުމުން އެކަން ގަބޫލު ކުރެއްވީ އެ ސަބަބާހުރެ ކަމަށް ޑރ. ޝިރާނީ ވިދާޅުވި އެވެ.

"[އާންމުންކައިރީ] ޖަހާށޭ، ޖަހާށޭ ބުނުމަށްވުރެ އަޅުގަނޑުމެން އަމިއްލަ އަށް ޖަހާފައި ދައްކައިދިނީމަ ރައްޔިތުންނަސް އެ މެސެޖު ލިބޭގޮތް ރަނގަޅު ކަންނޭނގެ. އެހެންވެ ޓު ލީޑް ބައި އެގްޒާމްޕަލް އެއްބަސްވީ،" ޑރ. ޝިރާނީ ވިދާޅުވި އެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށުން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންނަށް ޑރ. ޝިރާނީ ދެއްވި މެސެޖަކީ ބަލިފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި ހިފައި ފަރުދީ ޒިންމާ އަދާކުރުމަށް ދެއްވި މެސެޖެވެ.

"މި މަސައްކަތްކުރަނީ ކުރީގެ އާންމު ހާލަތަށް ދާން. ހާޑް އިމިޔުނިޓީ އެއް ލިބޭނީ، ވެކްސިނޭޓް ކޮށްގެން،" ޑރ. ވިދާޅުވި އެވެ.

ޑރ. ޝިރާނީ ވިދާޅުވީ ވެކްސިން ޖެހުމުގެ ސަބަބުން އެއްވެސް އުނދަގުލެއް ދިމާނުވާ ކަމަށެވެ.

"ވެކްސިންގެ ކަށިޖަހާލީމާ އެވީ ތަދު ނޫނީ އިތުރު ތަދެއް ނުވޭ،"ކްސިން ޖަހަން ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށްވެސް ޑރ. ޝިރާނީ ވިދާޅުވި އެވެ.

މިއަދު ވެކްސިން ޖެހި ބޭފުޅުންގެ ތެރޭގައި ހިމެނޭ ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު ވިދާޅުވީ ވެކްސިން ޖެހުމަކީ ލިބިލެއްވި އުފާވެރިކަމެއް ކަމަށެވެ.

ރާއްޖޭގައި މިއަދު ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ތެރެއިން ނަރުހަކު ވެކްސިން ޖެހުމަށް ތައްޔާރު ވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ވެކްސިން ޖަހަންޖެހޭނެ. ވެކްސިނަކީ ޕްރޫވަން އެއްޗެއް. މި ވެކްސިން އަކީ އޮކްސްފޯޑު ޔުނިވާސިޓީ އިން ހެދި ވެކްސިނެއް. އެތައް ތަނެއްގައި ތްރައިޔަލްސް ހަދާފައި އޮތް ވެކްސިނެއް މިއީ. އަޅުގަނޑަށް ހީވަނީ ފަސޭހައިން ހޭންޑަލް ކުރެވޭ ނަތީޖާ ރަނގަޅު މި ވެކްސިނަކީ ރަނގަޅު އެއްޗެއް،" މުހައްމަދު އުމަރު މަނިކު ވިދާޅުވި އެވެ.

ވެކްސިނާ ދޭތެރޭ އެއްވެސް ޝައްކެއް ނުގެންގުޅެ، ވެކްސިން ޖެހުމަށް ރައްޔިތުންނަށް އުމަރުމަނިކުވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ރާއްޖޭގައި ދޭން ފަށާފައިވަނީ ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން އެސްޓްރާޒެނެކާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ 700،000 ޑޯޒް ވެކްސިން އަންނަ މާޗުމަހު ލިބޭނެ ކަމަށާއި ޑަބްލިއުއެެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން މިމަހުގެ 14 އިން ފެށިގެން އަންނަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވި އެވެ.

"މިހާރު މި ޖެހެނީ ވަރަށް މަދުބަޔަކަށް. މިކަމަށް ފަރިތަވެ ހޭނުނީމާ ހަފްތާ އެއް ތެރޭ މިއަށްވުރެ ބާރަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައިވެސް މިއަދު ވެކްސިން ޖަހަން ވަނީ ފަށައިފައެވެ. ކުރިއަށް އޮތްތަނުގައި ހުރިހާ ރަށެއްގައި ވެކްސިން ދޭން ފަށާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ސެނަހިޔާގަ އެވެ.

އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.