30 Jan 2012, 13:49
ނޭޝަނަލް ޑްރަގް އެޖެންސީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި އެއެޖެންސީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބޭފުޅުން ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އިދާރާ އުފެއްދެވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށާއި އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިން ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދެވުމާ ގުޅިގެން، އެޖެންސީގެ ބޯޑަށް ރައީސް މިއަދު ވަނީ ބޭފުޅުން ހަމަޖައްސަވާފަ އެވެ. އެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތު އެންޑް ފެމިލީ ލުބްނާ މުހައްމަދު ޒާހިރު ހުސައިނެވެ.
މީގެއިތުރުން އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކްރެޓަރީ އައިޝަތު ޝުވައިކާރާއި މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު އައިޝަތު ވެލެޒިނީ އާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު ރަޝީދު ހުސައިނާއި، މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބު އިބްރާހީމް ރަޝީދާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަޒްހާނާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ފާތިހު އަލީއާއި، ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އަބްދުﷲ ވަހީދާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއް ކަމަށްވާ ޖާނީން މުހައްމަދު ޒުބައިރެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ އުފެއްދެވުމާ ގުޅިގެން، މަސްތުވާތަކެތިން ދިވެހި މުޖްތަމައު ރައްކާތެރިކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، މުޖުތަމައަށް އަނބުރާ ގެނައުމަށް ކަންކަން ރާވާ ހިންގައި، ވިލަރެސް ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން އުފައްދަވާފައިވާ [ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރީހެބިލިޓޭޝަން ސާވިސަސް] އިން ކުރައްވަމުން ގެންދިޔަ މަސައްކަތްތައް، ގާނޫނީ ގޮތުން ދެން ކުރަމުން ގެންދާނީ އެއިދާރާއިން ނެވެ.