01 Feb 2021, 11:20
ކުރިއަށް އޮތްތަނުގައި ދުވާލެއްގެ މައްޗަށް 10،000 މީހުންނަށް ވެކްސިން ދެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެސް ހުރިހާ ރަށެއްގައި ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް19 ވެކްސިން ދޭންް ފެށުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތަށްފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ އުއްމީދަކީ، ރާއްޖޭގައި ދުވާލެއްގެ ތެރޭ ވެކްސިން ޖަހާ މީހުންގެ އަދަދު 10،000 އަށް ހެދުން ކަމަށެވެ.
"މިހާރު މި ޖެހެނީ ވަރަށް މަދުބަޔަކަށް. މިކަމަށް ފަރިތަވެ ހޭނުނީމާ ހަފްތާ އެއް ތެރޭ މިއަށްވުރެ ބާރަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ވެކްސިނާ ދޭތެރޭ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރުވެސް ވެކްސިން ޖަހަން ފަށާފައިވާ ކަމަށާއި، ރާއްޖޭގައިވެސް ވެކްސިން ޖެހުމަކީ ކޮންމެ ރައްޔިތެއްގެވެސް މަސްއޫލިއްޔަތެއް ކަމަށެވެ.
"ވެކްސިނަކީ މިކަމުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު މަގު. ގިނަ މީހުންނަށް ވެކްސިން ދެވިއްޖެ ކަމަށް ވަނީވިއްޔާ އަޅުގަނޑުމެންނަށް މިކަމުން ވަރަށް އަވަހަށް އަރައިގަނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން މަދުނުކޮށް ގެނެސް ވެކްސިން ދޭނެ ކަމަށެވެ.
މިއަދު ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑުން އުފެއްދި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ހިލޭ ވެކްސިން ދެވޭނެ ކަމަށެވެ.
ދިވެހި ސަރުކާރުން ހަރަދުކޮށްގެން ގެންނަ 700،000 ވެކްސިން ޑޯޒް އަންނަ މާޗު މަސްތެރޭ ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މިއީ އެސްޓްރާޒެނެކާ އާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިނެވެ.
"ޑަބްލިއުއެޗްއޯ އިން ދޭ ވެކްސިން ލިބެން ފަށާނެ މިމަހުގެ 14 އިން ފެށިގެން. އިރާދަކުރެއްވިއްޔާ ވެކްސިންގެ ކަންތަކުގައި ހާސްވާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަށް ލިބޭނެ،" މިނިސްޓަރިު ނަސީމް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ބާވަތްތަކުގެ ވެކްސިން ގެންނާނެކަމަށްވެސް މިނިސްޓަރު ނަސީމް ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދިނުން ކަމަށެވެ.
ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދިނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.