ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ބާވަތްތަކުގެ ވެކްސިން ގެންނާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭގެ ތެރޭގައި ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިންވެސް ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

"ތަފާތު ވެކްސިން ގެންނާނަން ރާއްޖެއަށް. އަޅުގަނޑުމެން ގެންނާނަން ފައިޒާ ވެކްސިންވެސް،" މިއަދު ރާއްޖޭގައި ވެކްސިން ޖަހަން ފެށުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

ފައިޒާ ވެކްސިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ވެކްސިން އެވެ. އެ ވެކްސިންގެ ދެ ޑޯޒާއިއެކު 95 އިންސައްތަ ރައްކާތެރިކަން ވައިރަހާއި ދެކޮޅަށް ލިބިގެންދާކަމަށް ކްލިނިކަލް ޓްރަޔަލްތަކުން ވަނީ ދައްކުވައިދީފަ އެވެ.

މިނިސްޓަރު ނަސިމް އިތުރަށް ވާހަކދައްކަވަމުން ވިދާޅުވި ގޮތުގައި އެކި ކަހަލަ ދަތިތަކާއި ކުރިމަތިވެދާނެތީވެ، ސަރުކާރުން މަސައްކަތްކުރާނީ ވީހާވެސް އެއްވައްތަރެއްގެ ވެކްސިން ޖެހޭތޯ ކަމަށެވެ. އެހެންނަމަވެސް ރާއްޖެއިން އިތުރު ބާވަތްތަކުގެ ވެކްސިން ގެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައިޒާ ވެކްސިން ރައްކާކުރަންޖެެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ. ވުމާއެކު އެ ވެކްސިން އެއްތަނުން އަނެއްތަނަށް ގެންދިޔުން އަދި ރާއްޖެފަދަ ހޫނު ގައުމެއްގައި ބޭނުންކުރަން ދަތިތަކާއި ކުރިމަތިވާނޭކަމަށް ސިއްހީ މާހިރުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ރާއްޖޭގައި މިއަދު ދޭން ފަށާފައިވާ ވެކްސިން އަކީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓްއިން އުފެއްދި ކޮވިޝީލްޑް ވެކްސިން އެވެ. އިންޑިޔާއިން ވަނީ އެ ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. މީގެ އިތުރުންވެސް އެސްޓްރާޒެނެކާ ކުންފުނިން 700،000 ޑޯޒުގެ ވެކްސިން ގެނައުމަށްވެސް ސަރުކާރުން ވަނީ އެއްބަސްވުމަކާއި ހަމަޔަށް އައިސްފަ އެވެ.