01 Feb 2021, 09:38
ޔަންގުން (ފެބްރުއަރީ 1) :މިޔަންމާގެ ސިފައިން އެގައުމުގެ ބޮޑުވަޒީރު އާންގް ސަން ސޫ ޗީ (ސްޓޭޓް ކައުންސެލާ) ހައްޔަރުކޮށް އިންގިލާބަކުން ވެރިކަން ބަދަލު ކޮށްލައިފި އެވެ.
މިޔަންމާގައި ވެރިކަންކުރާ ޕާޓީކަމަށްވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ބުނި ގޮތުގައި ރޭ ފަތިހު ސިފައިން ވެރިރަށް ޔަންގުންގެ މަގުތަކަށް ނުކުމެ ސަރުކާރުގެ ވެރިޔާ ކަމަށްވާ ބޮޑުވަޒީރު އަދި ސްޓޭޓް ކައުންސެލާ އަންގްސަން ސޫ ޗީ އާއި ގައުމުގެ ރައީސް ވިން މިޔިންޓް އާއި ކެބިނެޓްގެ ބައެއް ވަޒީރުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޔަންގުންގައި ތިއްބަވާ ބޭރުގެ މުރާސިލުން ވެސް ވަނީ މިޔަންމާގެ ސިފައިން ގެނަސްފައި މިވަނީ އަސްކަރީ އިންގިލާބެއްކަމަށް ސިފަކޮށްފަ އެވެ. ރޮއިޓާސް ބުނި ގޮތުގައި ވެރިރަށް ޔަންގޮންގެ މަގުތަކުގައި ސިފައިން ދަނީ ވަރަށް ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންނެވެ. ސިފައިން ވަނީ ސަރުކާރުގެ މުހިއްމު އިމާރާތްތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޔަމްގުންގެ އެންމެ މުހިއްމު އެއް އިމާރާތްކަމަށްވާ ސިޓީ ހޯލްގެ ބޭރުގައި ވެސް ސިފައިން ހަރަކާތްތެރިވަމުން ގެންދާކަމަށްވެ އެވެ. އަދި ޔަންގުންގެ ގިނަ ސަރަހައްދުތަކުން އިންޓަނެޓާއި، މޯބައިލް ފޯނުގެ ޚިދުމަތްތައް ވަނީ ކެނޑިފަ އެވެ.

މިޔަންމާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އާންގް ލައިންގް
މިޔަންމާގެ ރަސްމީ ޓީވީ ބުނާ ގޮތުން ޔަންގުންއިން އިންޓަނެޓާއި، މޯބައިލް ފޯނުގެ ޚިދުމަތްތައް ކެނޑިފައި ވަނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންނެވެ. މިޔަންމާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އާންގް ލައިންގް ދާދިފަހުން ވަނީ ގާނޫނު އަސާސީ އަށް ސަރުކާރުން އަމަލު ނުކުރާ ނަމަ، ފިޔަވަޅުއަޅަން ޖެހިދާނެ ކަމުގެ އިންޒާރެއް ދެއްވާފަ އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މިޔަންމާގެ އިސް އޮފިސަރުންނާ ބައްދަލުކުރައްވައި ދާދިފަހުން ދެއްކެވި ވާހަކަތަކެއްގަ އެވެ. ޖެނެރަލް މިން މިހެންވިދާޅުވި ވީޑިއޯ މިހާރު ލީކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިޔަންމާއަށް ޑިމޮކްރެސީ ގެނައުމަށް އަންގްސަން ސޫޗީ އިސްކޮށް ހުންނަވައިގެން ކުރި މަސައްކަތުގެ ދަށުން އެގައުމުގެ ގާނޫނު އަސާސީއަށް އިސްލާހީ ބަދަލުތަކެއް ގެނަސް އިންތިގާލީ މަރުހަލާއަކަށް ފަހު އެގައުމުގައި އާންމު އިންތިޚާބެއް ބާއްވައިގެން އާންގް ސަން ސޫ ޗީ ވެރިކަމަށް އައިސްފައި ވަނި 2015 ވަނައަހަރު އެވެ. އެ އަހަރު ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ސޫޗީގެ ޕާޓީކަމަށްވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) އެވެ.
ސޫޗީއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވައިގެން މިޔަންމާގެ ވެރިކަން ހޯއްދެވި ބޭފުޅެއް ނަމަވެސް މިޔަންމާގެ ރޮހިންގްޔާ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އޭނާގެ ސަރުކާރުން ވަނީ ފާޅުގައި އަރައިގެންފަ އެވެ. މިޔަންމާގެ ރައްޔިތުންގެ ގޮތުގައި ވަރަށް ނިކަމެތި ހާލެއްގައި ގައުމުން ބޭރުކޮށްލައި އަދި ސިފައިންގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ރޮހިންޔާ މުސްލިމުން އިންސާނީ ހައްގުތަކާ ދެކޮޅަށް ސޫޗީ ވަނީ ފާޅުގައި ވާހަކަ ދައްކަވާފަ އެވެ.
ސޫޗީގެ އެ ވާހަތަކާއި އަދި އޭނާގެ ސަރުކާރުގެ ލާއިންސާނީ އަމަލުތައް ހުރި ގޮތުން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި އޭނާ ކުޅުނު ދެފުށް ދެގޮތް ސިޔާސަތު ހާމަވެ އޭނާއަށް ސަޕޯޓްކުރި ޔޫރަޕްގައި ވެސް ފަހުން އޭނާ ވަނީ ވަރަށް ބޮޑަށް ބޭޒާރުވެފަ އެވެ. މިއާއެކު ސޫޗީ އަށް ލިބިފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައެއް އިމާނުތައް ވެސްފަހުން ވަނީ އަތުލައިފަ އެވެ. ސޫޗީއަށް ލިބިފައިވާ ނޮބެލް އިނާމު އަތުލުމަށް ވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ގޮވާލާފައިވެ އެވެ.
ފާއިތުވި ނޮވެންބަރު މަހު މިޔަންމާގައި ބޭއްވި އާންމު އިންތިޚާބު (ޕާލަމެންޓްރީ އިންތިޚާބު)ގައި ސޫޗީގެ ސަރުކާރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން މަކަރުހަދާފައިވާ ކަމަށް ބުނާ މައްސަލަތަކެއް މިފަހަކަށް އައިސް އެގައުމުގައި ފެންމަތިވެ، އެކަން ވަނީ ސިޔާސީ މައްސަލައަކަށްވެފަ އެވެ. އިންތިޚާބުގައި މަކަރުހަދައި ނަތީޖާ އޮޅުވާލާފައިވާ ކަމަށް މިޔަންމާގެ ސިފައިންގެ ތާއީދު ލިބިފައިވާ އިދިކޮޅު ޕާޓީ ކަމަށްވާ ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް އިން ތުހުމަތުކޮށް މި މައްސަލަ ވަނީ އެގައުމުގެ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އޮޅުވާލުމެއް ހިނގާފައި ނުވާ ކަމަށް ބުނެ އިންތިޚާބު ސައްހަކަމަށް ނިންމައިފަ އެވެ.
އެ އިންތިޚާބު ވެސް ކާމިޔާބުކޮށްފައި ވަނީ ސޫޗީގެ ޕާޓީންކަމަށްވެފައި އިލެކްޝަން ކޮމިޝަންގެ މައްޗަށް ސޫކީގެ ސަރުކާރު ނުފޫޒު ހިނގާ ކަމަށް ޔުނިއަން ސޮލިޑޭރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީން ތުހުމަތު ކުރެ އެވެ. އެ ތުހުމަތުތަކާ އަދި އިންތިޚާބުގައި މައްސަލައެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާ އެކު މިޔަންމާގެ ސިފައިން ވަނީ ގާނޫނު އަސާސީއާ ޚިލާފަށް އަމަލުކުރާ ކަމަށް ބުނެ އަސްކަރީ އިންގިލާބެއް ގެނެސްފާނެ ކަމުގެ ނުސީދާ އިންޒާރެއް ދީފަ އެވެ. އެ އިންޒާރާ އެކު މިޔަންމާގެ ސިފައިންނާއި އަންގްސަން ސޫޗީގެ ސަރުކާރާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. (ނޫސް އެޖެންސީތައް)