ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ދޭން މިއަދު ވަނީ ފަށާފަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ.

ވެކްސިން ޖެހުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހާލަތަށް އާދެވުނީ ހެލްތު އޮފިޝަލުންނާއި ރައްޔިތުން ކުރި މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހެލްތު އޮފިޝަލުންގެ ލަފައާ އިރުޝާދަށް ރައްޔިތުން ބޯލަނބާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ. އުންމީދަކީ ވެކްސިން ޖެހުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދަކީ ކުރަނީ އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުން މިކަމުގައި ބައިވެރިވެވަޑައިގެން، އަޅުގަނޑުމެންނަށް މިކަމުގައި ކުރިިމަތިވެފައި މިވާ ދަތި އުނދަގުލުން ސަލާމަތްވުމަށް ޓަކައި އެންމެން އެކީގައި މަސައްކަތް ކުރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއެކު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"މިކަން ފަށައިގެން ކުރިއަށްދާއިރު މެދުނުކެނޑި މިކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ތަކެއް ރޭވިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ފަށައިގަންނަނީ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށްވެސް ވެކްސިން ދިނުމަށް ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ހާސިލުވާނެ ކަމަށް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ދިރިއުޅޭ ހުރިހާ އެންމެނަށް މި ވެކްސިން ފޯރުކޮށްދެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ވެކްސިނުގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ދިނީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.

މިއަދު ވެކްސިން ދޭން ފަށާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.