ރާއްޖޭގައި މިއަދު ކޮވިޑް19 ވެކްސިން ޖަހަން ފަށާއިރު، އެންމެ ފުރަތަމަ ވެކްސިން ޖައްސަވާނީ ޑރ. ޝިރާނީ އަބްދުއްރަހީމް ކަމަށް ސަރުކާރުން ބުނެފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ. ޝިރާނީ އަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާ އެވެ.

މިއަދު ވެކްސިން ޖަހަން ފެށުމަށް ބާއްވާ ރަސްމިއްޔާތުގެ އެޖެންޑާގައި ބުނެފައި ވަނީ ޑރ. ޝިރާނީ އާއެކު، ހުޅުމާލެ ފެސިލިޓީގެ ނަރުހެއް ކަމުގައިވާ ކާތިކޭން އާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތެއް ކަމުގައިވާ އިބްރާހިމް ނަސީރު ވެސް ވެކްސިން ޖަހާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވާނީ ހަތަރު ވަނައަށެވެ. ރައީސް އަށް ފަހު ދެން ވެކްސިން ޖައްސަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

އެއަށްފަހު އުއްތަމަ ފަނޑިޔާރު އަހަމްދު މުއުތަސިމް އަދުނާން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވެސް ވެކްސިން ޖައްސަވާނެ އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި، އިންޑިއާއިން ރާއްޖެއަށް ކަނދައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި މުހައްމަދު އުމަރު މަނިކު ވެސް މިއަދު ވެކްސިން ޖައްސަވާނެ އެވެ.

ވެކްސިން ޖެއްސެވުމަށްފަހު، ޑރ، ޝިރާނީ އާއި ރައީށް ސޯލިހު މިއަދު ބައްދަލުކުރައްވާނެ އެވެ.

މާދަމާ ރާއްޖޭގައި ކޮވިޑް19 ވެކްސިން ދެން ފަށާއިރު، ދުއާއަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުން ކަމަށް ރައީސް ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މިއަދު މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީގައި ވެސް ވެކްސިން ޖަހަން ފަށާނެ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ގެންގޮސް، ވެކްސިން ޖަހަން ވަނީ ތައްޔާރުވެފަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ސެނަހިޔާގަ އެވެ.

އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ވެކްސިން ދޭ އިރު އިސްކަން ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެކްސިން ދޭން ފަށާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ގްރޫޕުތަކަށް ވެސް ވެކްސިން ޖަހަން ފަށާނެ އެވެ.