01 Feb 2021, 11:48
ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އަނއްކާ ވެސް މަތިވެ، ގުރު ނަގައިގެން ފަރުވާ ދޭން މީހާ ނިންމަންޖެހޭ ހިސާބަށް ގޮސްދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު އެޑްމިޓްކޮށްގެން 163 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
އޭގެ ތެރެއިން ހަ މީހަކަށް ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގަ އެވެ. އަދި ދެ މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
ޑީއެޗް16 ގެ ވޯޑްގައި ފަސް މީހަކަށް ފަރުވާދެމުން އަންނަ އިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގަ 147 މީހުން އެބަ ތިއްބެވެ. އަދި ގއ. ވިލިނގިލީ ފެސިލިޓީގައި އެކަކު، ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ފުވައްމުލަކު ފެސިލިޓީގައި ވެސް ދެމީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުން ގިނަވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ 24 ޖެނުއަރީގައި މާލޭ ސަރަހައްދުގައި އެޑްމިޓްކޮށްފައި ތިބީ 71 މީހުން ކަމަށެވެ. ނަމަވެސް 31 ވަނަ ދުވަހު އެ އަދަދު 145 އަށް އިތުރުވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"މިހާރު އަނެއްކާވެސް މިދިޔަ އަހަރުގެ އޮގަސްޓު ހިސާބުގައި އާޅުގަނޑުމެން ތިބި ހާލަތުގަ، އެ ހާލަތަށް ދާން އުޅޭ ކަހަލަ ސިގްނަލްތަކެއް އަޅުގަނޑުމެންނަށް ލިބެމުން މިދަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޭސްތައް އިތުރުވެ އެޑްމިޓް ކުރާ މީހުން ގިނަވާތީ ކަންބޮޑުވުން ފާޅުކުރައްވައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ، މީހަކު އެޑްމިޓް ކުރާ ހިސާބުން އާއިލާގެ މީހުންނާ ބައްދަލު ނުކުރެވޭނެ ކަމަށެވެ.
ބަލި މީހުން ގިނަވެ، ފަރުވާ ދޭނީ ކާކަށްތޯ އަދި ފަރުވާ ނުދީ ދޫކޮށްލާނެ މީހުން ކަނޑައަޅަންޖެހޭ ހިސާބަށް ގޮސްފިނަމަ ހުރިހާ އެންމެނަށް ވެސް ފުން ހިތާމައެއް ކުރިމަތިވާނެ ކަމަށެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ފަރުވާ ދޭނީ ކާކަށްތޯ އަދި ފަރުވާ ނުދީ ދޫކޮށްލާނެ މީހުން ކަނޑައަޅަންޖެހޭ ހިސާބަށް ދާން ކައިރިވެފައިވާ ކަމަށެވެ.
އެހެންކަމުން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ވައިރަސް ކިތަންމެ ކުޑަ ދޭތެރެއަކަށް ވެސް ވަންނާނެ ކަމަށެވެ.
"ވައިރަސް އެއް ނުބަލާނެ ވަރަށް ކުޅެން ދާހިތުން ދިޔައީތޯ ނޫނީ ވަރަށް ގިނަ ދުވަހު ރައްޓެހިން ނުފެނި ހުރެ ރައްޓެހިން ކައިރިޔަށް ދިޔައީތޯ. ނޫނީ ކުރަން ބޭނުންވާ ކަމެއް ކުރަން ޖެހިގެން ދިޔައީތޯ އެއް. މާސްކް ނާޅާ ގައިދުރުކަމެއް ނެތި އުޅޭ ކަމަށް ވަންޏާ ކޭސްތައް މިހާ ގިނައިރު، ޕޮޒިޓިވް މީހަކާ ކޮންޓެކްޓުވުމަކީ ވަރަށް ގާތުގަ އޮތް ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.