30 Jan 2012, 13:37
މެންޗެސްޓާ ސިޓީގެ އާޖެންޓިނާ ފޯވާޑް ކާލޮސް ޓެވޭޒް އަށް މިމަހު އެހެން ކުލަބަކަށް ބަދަލު ނުވެވިއްޖެ ނަމަ، އަންނަ ސީޒަނުގައި ފްރާންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އާއި ގުޅޭނެ ކަމަށް އޭނާގެ އެޖެންޓް ކިއާ ޖޫރާބްޗިއަން ބުނެފި އެވެ.
ޖެނުއަރީ ޓްރާންސްފާ ގައި އެންމެ ފޯރިގަދަކޮށް ދެކެވުނު ވާހަކަ އަކީ ޓެވޭޒްގެ ޓްރާންސްފާގެ ވާހަކައެވެ.
ޓެވޭޒް ހޯދުމަށް ޕީއެސްޖީ އާއި، އޭސީ މިލާން އަދި އިންޓަމިލާނުން ކުރި މަސައްކަތަށް އަލިމަގެއް ފެނިފައެއް ނުވެއެވެ.
"މިމަހު މެންސިޓީ ދޫކޮށް ޓެވޭޒް އަށް ނުދެވިއްޖެނަމަ، އަންނަ ސީޒަނުގައި އޭނާ ފެންނާނީ ޕީއެސްޖީ އިން. އޭސީ މިލާނު ނުވަތަ އިންޓަމިލާނުން މިމަހު ޓެވޭޒް ނުފެނިއްޖެ ނަމަ، އޭނާ ދެން ފެންނާނީ ޕީއެސްޖީ އިން. ޕީއެސްޖީ އާއި ގުޅެން ޓެވޭޒް ވެސް ބޭނުންވޭ،" ޖޫރާބްޗިއަން ބުންޏެވެ.
މެންސިޓީ އާއެކު ގިނަ މައްސަލަތަކެއް ޖެހިފައިވާ ޓެވޭޒް ވެސް އެކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށާއި އެނބުރި އިނގިރޭސި ވިލާތަށް ނުދާނެ ކަމުގައި އަންނަނީ ބުނަމުންނެވެ. މިމަހު ޓެވޭޒަށް ކުލަބަކަށް ބަދަލު ނުވެވިއްޖެ ނަމަ، އޭނާ ހުންނަން ޖެހޭނީ މެންސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.