01 Feb 2021, 09:00
ކޮވިޑް19ގެ ބިރުވެރިކަމާއެކު ދިރިއުޅުމުގެ އާދަކާދަ ބަދަލުކޮށްގެން، އަހަރެއްހާ ދުވަސް ވަންދެން ވަރަށް ދަތިކޮށް ތިބެވިއްޖެ އެވެ. ބަލި ފެތުރުން ކޮންމެސް ވަރަކަށް ކޮންޓްރޯލް ވެފައި ވަނިކޮށް، އާ އަހަރު ފެށުމާއެކު އަނެއްކާވެސް މިވަނީ ނަންބަރުތައް މައްޗަށް ޖެހިލައިފަ އެވެ. އިތުރު ރާޅެއްގެ ބިރު ހީވެފަ އެވެ.
ނަމަވެސް ކޮވިޑާ ދެކޮޅަށް މިއަދު ރާއްޖޭގައި ވެކްސިން ޖަހަން ފަށާއިރު، މިއަދަކީ އުންމީދުން ފުރިގެންވާ ދުވަހަކަށް ވެގެންދާނެ އެވެ. ކޮވިޑާ ދެކޮޅަށް ކޮށުނު އެންމެ އަލިގަދަ މަގަކީ ގައިމުވެސް ވެކްސިނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދަށް ތައްޔާރުވާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި މިއަދު ރާއްޖޭގެ ތިން ސަރަހައްދެގައި ވެކްސިން ޖަހަން ފަށާއިރު ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މާލެ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް ވެކްސިން ގެންގޮސް ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ވެފަ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 560 މީހުން ވެކްސިން އަށް ތަމްރީނުކޮށްފައިވާ ކަމަށެވެ. މިއަދު ވެކްސިން ޖަހަން ފަށާ ސައިޓުތަކުގެ އިންސްޕެކްޝަންތައް ވެސް ވަނީ ނިންމައިފަ އެވެ.
ވެކްސިން ޖެހުމަށް 20،000 އެއްހާ މިހުން ރަޖިސްޓްރީވެފައިވާއިރު، ވެކްސިން ޖަހަން ދާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.
އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުންނަ ފަރާތެއް ނަމަ، ވެކްސިން ޖަހަން ދާއިރު އެންމެ ފަހުގެ މެޑިކަލް ރެކޯޑްތައް ގެންދަން ހަނދާން ބަހައްޓަން ވާނެ އެވެ.
ވެކްސިން ސެންޓަރުތައް އެކި ބައިބަޔަށް ބެހިފައި ވާއިރު، ހުން ބެލުމާއި ކޮވިޑް19ގެ އެހެން ވެސް އަލާމާތެއް ހުރިތޯ ބަލާނެ އެވެ. އެއަށްފަހު ރެޖިސްޓްރޭޝަންގައި ވެކްސިން އާ ބެހޭ މައުލޫމާތު ކަރުދާހެއް ކޮންމެ މީހަކަށް ވެސް ދޭނެ އެވެ. އަދި ވެކްސިންގެ ރެޖިސްޓްރޭޝަން ފުރިހަމަ ކުރެވޭނީ ސުވާލުތަކެއް ކުރުމަށްފަހު އެވެ.
ވެކްސިން ޖަހާނީ ކޮނޑު މަސްގަނޑަށެވެ. އެހެންކަމުން ވެކްސިން ޖަހަން ދާ ހުރިހާ އެންމެން ވެސް ފަސޭހައިން ވެކްސިން ޖެހޭނެ ގޮތަށް ދޫ ހެދުމެއްގައި ދިއުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ.
އަދި ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން، އަމިއްލަ ފެންފުޅި ހިފައިގެން ވެކްސިން ޖަހާ ތަނަށް ދިއުމަށް ވެސް އިލްތިމާސްކުރެއްވި އެވެ. މީގެ އިތުރުން އައިޑީ ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން ދާން ހަނދާންކުރަން ވާނެ އެވެ.
ވެކްސިން ޖެހުމުގެ ކުރިން ކޮންމެ މީހަކު ވެސް އިގުރާރެއްގައި ސޮއިކުރަން ޖެހޭނެ އެވެ.
ވެކްސިން ޖެހުމަށްފަހު ކޮންމެ މީހަކު ވެސް 15 މިނެޓު ވަންދެން އެ ތަނުގައި މަޑުކުރަން ޖެހޭނެ އެވެ. އެއީ ވެކްސިން ޖެހުމަށްފަހު އެއްވެސް ކަހަލަ ރިއެކްޝަން އެއް އާދޭތޯ ބެލުމަށްފަހު އެވެ.
މިއީ އާންމުކޮށް ކޮންމެ ވެކްސިން ކެމްޕޭނެއްގައި ވެސް އަމަލުކުރާ އުސޫލެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް އެއްޗަކަށް ސީރިއަސް އެލާޖީއެއްވާ މީހެއްނަމަ، ވެކްސިން ޖެހުމަށްފަހު 30 މިނެޓު މަޑުކުރުވައިގެން މޮނީޓާކުރާނެ ކަމަށެވެ. އަދި އެއްވެސް ރިއެކްޝަން އެއް އަތުވެއްޖެ ނަމަ، ވަގުތުން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތައް:
• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް
• ހުންއައުން
• ވަރުބަލިވުން
• ބޮލުގައި ރިއްސުން
• މޭނުބައިކުރުން
• ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
އެފަދަ ކުޑަ އަލާމާތެއް ފެނިއްޖެ ނަމަ، މާލޭގައި ނަމަ 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ވާނެ އެވެ. ރަށެއްގައި ނަމަ އެ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަނަކަށް މައުލޫމާތު ހިއްސާކުރަން ވާނެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ސަބަބުން ބޮޑު އެލާޖިކް ރިއެކްޝަން އެއް ކުރިމަތިވާނީ ވަރަށް މަދުން ކަމަށާއި، އެހެން ނަމަވެސް ނޭވާލާން އުނދަގޫވެ، ގައިގައި ފިތް ނެގުން ކަހަލަ ކަމެއްވާނަަމަ ވަގުތުން ހޮސްޕިޓަލަށް ދާން ވާނެ ކަމަށެވެ.
ވެކްސިން ޖެހުމަށްފަހު، ވެކްސިން ޖަހާތަން ރަތްވެ ދުޅަވެފައި ހުރި ނަމަވެސް އެތަނުގައި އެއްވެސް އެއްޗެއް އުނގުޅާ ބޮނޑިތާންކޮށް ނުހެދުމަށް ޑރ. ނަޒްލާ ވަނީ އިރުޝާދުދެއްވައިފަ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހި ނަމަވެސް، އޭގެ ފުރިހަމަ ރައްކާތެރިކަން ލިބޭނީ ދެ ޑޯޒް ފުރިހަމަކުރުމުން ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށްފަހު ވެސް މާސްކް އަޅައި ގައިދުރުކަން ބަހައްޓަން ޖެހޭނެ އެވެ.
އަށާރަ އަހަރުން ދަށުގެ ކުޑަކުދިންނާއި، މާބަނޑު މީހުންނަށް މި ވެކްސިން ނުޖަހާނެ އެވެ. ނަމަވެސް ގާތުން ދޭ މައިންނަށް ވެކްސިން ޖެހޭނެ އެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ވެކްސިނާ ގުޅޭ ތަފްސީލީ މައުލޫމާތު ވެކްސިން ސެންޓަރުތަކުން ފޯރުކޮށްދޭނެ ކަމަށެވެ.
ލޭ ދިޔާ ކުރުމަށް ބޭސް ބޭނުންކުރާ ބައެއް މީހުން ވެކްސިން ޖެހުުން، މަސްގަނޑަށް ޖަހާ އިންޖެކްޝަނަލަށް ވާތީ ތަންކޮޅެއް ގިނައިން ލޭ އައުމުގެ ފުރުސަތު އޮންނާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ބޭސް ނަގާތާ ގިނަ ދުވަސް ވެފައިވާ، ހާލަތު ސްޓޭބަލް މީހުންނަށް ވެކްސިން ޖެހޭނެ އެވެ.
އަދި ވޯފަރިން ބޭނުންކުރާ މީހުންގެ އައިއެންއާރް ލެވަލް ރަނގަޅު ނަމަ ވެކްސިން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެއްވެސް ސުވާލެއް އޮތް ނަމަ، މެޑިކަލް ރިޕޯޓުތައް ހިފައިގެން ވެކްސިން ޖަހާ މަރުކަޒަށް ދިއުމަށް އިރުޝާދު ދެއްވި އެވެ.
ކޮވިޑް ޖެހި، 28 ދުވަސްވެފައިވާ މީހެއް ނަމަ ވެކްސިން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިނާ އެހެން ވެކްސިނެއް ޖެހުމާ ދޭތެރޭ މަދުވެގެން 14 ދުވަސް ހުންނަން ވާނެ އެވެ.
ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ސެނަހިޔާގަ އެވެ.
އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.
ވެކްސިން ދޭ އިރު އިސްކަން ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެކްސިން ދޭން ފަށާނެ އެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެހެން ގްރޫޕުތަކަށް ވެސް ވެކްސިން ޖަހަން ފަށާނެ އެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު، ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރަޖިސްޓްރީކުރަން ޑރ. ނަޒްލާ ރޭ އެދިވަޑައިގަތެވެ.