01 Feb 2021, 07:49
ގުދުސް (ފެބްރުއަރީ 1): އިސްރާއީލުން ކޮވިޑް ވެކްސިންގެ 5،000 ޑޯޒް ފަލަސްތީނުގެ ސަރުކާރާ ހަވާލު ކުރާނެ ކަމަށް ބުނެފި އެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބެނީ ގަންޓްޒްގެ އޮފީހުން ބުނި ގޮތުގައި އެގައުމުން ފަލަސްތީނަށް ވެކްސިން ފޯރުކޮށްދެނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ގަޔަށް ޖެހުމަށެވެ.
"ޕަލަސްތީނިއަން އޮތޯރިޓީގައިވާ މެޑިކަލް ޓީމުތަކަށް އަޅުގަނޑުމެން ވެކްސިންގެ 5،000 ޑޯޒް ފޮނުވާނަން،" ގަންޓްޒްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
އިސްރާއީލުން ދަނީ އެގައުމުގެ ރައްޔިތުންނަށް ފައިޒާ އާއި ބަޔޯއެންޓެކްގެ ވެކްސިން އާއި މޮޑާނާގެ ވެކްސިންވެސް ދެމުންނެވެ. ނަމަވެސް އޭގެ ތެރެއިން ފަލަސްތީނަށް ފޮނުވަނީ ކޮން ކުންފުންޏެއްގެ ވެކްސިންއެއް ކަމެއް އަދި ކޮން އިރަކު ކަމެއް އެގައުމުން ހާމަ ނުކުރެ އެވެ.
އިސްރާއީލަކީ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ބާރު ސްޕީޑުގައި ވެކްސިން ޖަހަމުންދާ ގައުމެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް އެގައުމުގެ ނުވަ މިލިއަން މީހުންގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ އެއް ޑޯޒް ދީފަ އެވެ.
އިސްރާއީލުން ވެކްސިން ދޭ މީހުންގެ ތެރޭގައި އެގައުމުގެ އަރަބި ރައްޔިތުންނާއި އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހިމެނެ އެވެ. ނަމަވެސް އެގައުމުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހަމާސްގެ ވެރިކަމުގެ ދަށުގައި ދިރިއުޅޭ މީހުން އެ ވެކްސިން ޕްރޮގްރާމްގައި ނުހިމަނަ އެވެ.
ފަލަސްތީނުގެ ސަރުކާރުން ދަނީ ކޮވިޑް ވެކްސިން އުފައްދާ ކުންފުނިތަކާ އެއްކޮށް އެއްބަސްވުންތައް ހަދައިގެންނާއި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ޕްރޮގްރާމް މެދުވެރިކޮށް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ސަރުކާރުން ވަނީ ފަލަސްތީނުގެ 70 ޕަސެންޓު މީހުންނަށްވާ ވަރަށް އަންނަ މަހުގެ މެދުތެރޭގައި ވެކްސިންގެ ޑޯޒްތައް ލިބޭނެ ކަމަށް ބުނެފަ އެވެ.