ކޮވިޑް19ގެ ކޭސްތައް އިތުރުވާނަމަ ވެކްސިން ޖެހުމުގެ މަސައްކަތަށް ހުރަސްއެޅޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

މާދަމާ ރާއްޖޭގައި ކޮވިޑް19 ވެކްސިން ދޭން ފަށާނެ އެެވެ.

ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވަނީ ވެކްސިން ޖަހަން ތައްޔާރުވަމުން އަންނަ އިރު، ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައި އޮތުމަށްފަހު އަލުން ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ.

އެގޮތުން މި އަހަރު ފެށުނު އިރު، ކޮވިޑްގެ ކޭސްތައް ހުރީ ދުވާލަކު 50 އަށް ވުރެ މަތީގަ އެވެ. ނަމަވެސް ފާއިތުވި ހަފްތާގައި އެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ކަންތައް ކުރިއަށް ގެންދާއިރު ސިއްހީ ދާއިރާގެ މީހުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

"ވެކްސިންގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް، ވެކްސިން ޖެހުމަށް އަދި ވެކްސިން ސްޓޭޝަަންތަކުގަ، ވެކްސިން ޖަހާ މީހުންގެ އިތުރުން އަދި ވަރަށް ބައިވަރު މީހުން ވެސް އެބަ ތިބެންޖެހޭ. އެހެންވީމަ މި ހުރިހާ ކަމަކަށް ވެސް ބޭނުންވާ މީހުން ބަލި މީހުންނަށް ފަރުވާކުރަން ޑައިވާޓު ކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެންނަށް ވެކްސިން ކެމްޕޭން ކުރިއަށް ގެންދަން ވެސް ދަތިވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑ19 ގެ ކޭސްތައް އިތުރުވާނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުކަތާ ވަރުވެދާނެތީ، އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މާދަމާ ވެކްސިން ދޭން ފަށާނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ވަނީ ގެންގޮސްފަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.

ހެލްތު މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެކްސިން ދޭ އިރު އިސްކަން ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނަށް ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެކްސިން ދޭން ފައްޓާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ ހުރިހާ ޑޯޒްތަކުން މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ދެވޭނެ އެވެ.