01 Feb 2021, 11:49
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އިތުރު ރަށްތަކެއް މޮނިޓަރިންގ ހާލަތަށް ގެންގޮސްފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު އަތޮޅުތެރޭގެ 41 ރަށެއްގައި ކޮވިޑްގެ 153 އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރޭގައި ހޯމް އައިސޮލޭޝަންގައި ތިބި މީހުން ވެސް ހިމެނެ އެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ގއ، ދެއްވަދޫ، މ. ކޮޅުފުށި، ހއ. މުރައިދޫ އަދި އއ. މަތިވެރި އަށް އަރައިފޭބުން ވަނީ މަނާކޮށްފަ އެވެ.
ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 85 މީހަކު ޕޮޒިޓިވްވެފައި ވާއިރު ކޮޅުފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ. މަތިވެރިން ހަތަރު މީހަކު ޕޮޒިޓިވްވެފައި ވާއިރު، މުރައިދޫ މޮނިޓަރިންގ އަށް ގެންދިޔައީ ރީއިންފެކްޝަން އެއް ކަމަށް ބެލެވޭ ކޭސް އަކާ ގުޅިގެންނެވެ.
މީގެ އިތުރުން ރިސޯޓުތަކުގައި ވެސް މިވަގުތު ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް އެބަހުއްޓެވެ. އެގޮތުން އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރާފައި ވާއިރު، އަނަންތަރާ ކިހާވައް ރިސޯޓުން 62 މީހުން އަދި އެނބޫދޫފަޅުން ނުވަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.
ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައި އޮތުމަށްފަހު އަލުން ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ.
އެގޮތުން މި އަހަރު ފެށުނު އިރު، ކޮވިޑްގެ ކޭސްތައް ހުރީ ދުވާލަކު 50 އަށް ވުރެ މަތީގަ އެވެ. ނަމަވެސް ފާއިތުވި ހަފްތާގައި އެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.
ކޮވިޑ19 ގެ ކޭސްތައް އިތުރުވާނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުތަކާ ވަރުވެދާނެތީ، އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،841 އަށް އަރައިފައެވެ. މިވަގުތު ބަލި ޖެހިފައި ތިބި 1،644 މީހުން ތިބި އިރު، ހޮސްޕިޓަލުތަކުގައި 163 މީހަކު އެބަތިއްބެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން 52 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑްގެ ނަންބަރުތައް މަތިވާން ފަށާފައި ވާއިރު، މިއަދު ވަނީ ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށައިފަ އެވެ.