ލިވަޕޫލް އަށް މިސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި ކާލިންގް ކަޕު ކާމިޔާބުކުރެވިދާނެ ކަމަށް އެކުލަބުގެ ސްޕެއިން ގޯލްކީޕަރު ޕެޕޭ ރޭނާ ބުނެފި އެވެ.

މެންޔުނައިޓެޑުގެ އެފްއޭ ކަޕްގެ އުންމީދަށް ހުރަސް އަޅާ، ލިވަޕޫލް އިން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ އެފްއޭ ކަޕްގެ މެޗު ކާމިޔާބު ކޮށްފަ އެވެ. އިނގިރޭސި ތާރީހުގައި އެންމެ ކާމިޔާބު ދެޓީމު ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފާހަގަވެގެން ދިޔައީ ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. އެމެޗު ލިވަޕޫލް ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

"އަހަރެމެންނަށް މިސީޒަނުގައި ކާމިޔާބު ހޯދުމުގެ ފުރުސަތު އެބައޮތް. ލިވަޕޫލް އަށް އެފްއޭ ކަޕާއި ކާލިންގް ކަޕް ކާމިޔާބު ކުރެވިދާނެ. މެންޔުނައިޓެޑާއި ދެކޮޅަށް ޓީމުން ދެއްކި މޮޅު ކުޅުމަށް އަހަރެން އުފާކުރަން. އަދި ލިބުނު އެންމެ ބޮޑު އުފަލަކީ އެމެޗުން މޮޅުވުން." ރޭނާ ބުންޏެވެ.

ސްޕެއިންގެ ވިލަރެއާލް އަށް ކުޅުމަށް ފަހު، 2005 ވަނަ އަހަރު ލިވަޕޫލް އަށް ބަދަލުވެ ރޭނާ ވަނީ ޔޫރަޕްގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.