31 Jan 2021, 22:10
މާދަމާ ރާއްޖޭގައި ކޮވިޑް19 ވެކްސިން ދެން ފަށާއިރު، ދުއާއަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
މާދަމާ ވެކްސިން ދޭން ފަށާނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގަ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ވަނީ ގެންގޮސްފަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.
ހެލްތު މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެކްސިން ދޭ އިރު އިސްކަން ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނަށް ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެކްސިން ދޭން ފައްޓާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.
ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ ހުރިހާ ޑޯޒްތަކުން މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ދެވޭނެ އެވެ.