31 Jan 2021, 23:12
ވޮޝިންޓަން (ޖަނަވަރީ 31): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ޖަމާއަތްތަކުގެ މީހުން މިމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ ހިންގި ހަމަނުޖެހުންތަކަކީ 2001 ވަނައަހަރުގެ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހު އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާކަމަށް ފެޑްރަލް ފުލުހުންގެ ތަހްގީގީ އިދަރާ (އެފްބީއައި) އިން ބުނެފިއެވެ.
މިމައްސަލަ ތަހްގީގްކުރާ "އެފްބީއައި" ގެ އެޖެންޓުންނާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ބުނާގޮތުން ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ޖަމާއަތްތަކުގެ މީހުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ އެކަމަށް ދުރާލައި ރާވައިގެންނެވެ. އެމީހުން ރާވާފައިވަނީ ކޮންގްރެސް ގެ އިމާރާތަށްވަދެގަނެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ޖޯބައިޑެންކަމަށް އިލެކްޓޯރަލް ކޮލެޖް އިން ނިންމި ނިންމުން ތަސްދީގުކުރުމަށް ކޮންގްރެސްއިން ބާއްވާ ޖަލްސާ ހުއްޓުވައި ކޮންގްރެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ.
އެއަށްފަހު ރާވާފައިވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ ޓްރަމްޕްކަމަށް އިއުލާނުކޮށް ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައި އެމެރިކާއަށް ވަރުގަދަ އިންގިލާބެއް ގެނައުމަށް ކަމަށް މިހާތަނަށް ކޮށްފައިވާ ތަހްގީގްތަކުން ހާމަވާކަމަށް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.
މިކަންކުރުމަށްޓަކައި ހަތިޔާރު ބޭނުންކުރުމަށް ރާވާފައިވާކަމަށާ ކޮންގްރެސްގެ އިމާރާތުގެ ކައިރީގައި ބޮންގޮއްވުމަށްޓަކައި ބޮމެއްކަމަށް ބެލެވޭ އެއްޗެއް ދަބަހަކަށް ލައިގެން މީހަކު އުޅޭތަނާއި އޭނާ ބޮން ހަރުކުރުމުގެ ހަރަކާތްތަށް ކަމަށް ބެލެވޭ ކަންތައްތަކެއް ހިންގަންއުޅުނު މަންޒަރު ސީސީޓީވީ ފުޓޭޖްތަކުން ފެނިފައިވާ ކަމަށްވެސް "އެފްބީއައި" ގެ އެޖެންޓުން ބުނެއެވެ. ނަމަވެސް އެއީ ކޮންމީހެއްކަން އަދި ދެނެގަނެވިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

ޖާކޮބް ޗާންސްލީ ކޮންގްރެސް އިމާރާތުގެ އެތެރޭގައި
"އެފްބީއައި" ބުނާގޮތުން މިމަހުގެ 6 ވަނަދުވަހު ކޮންގްރެސްގެ އިމާރާތަށް ވަދެގެންފައިވަނީ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރޭގައި ގިނައީ "ޕްރަވްޑް ބޯއީސް"، "ކިޔު އެނޮން" އަދި "އެމެރިކާ ފަސްޓް" ފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުން ކޮންގްރެސް ގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވާލުމުގެ އިތުރުން ކޮންގްރެސްގެ ބައެއް މެންބަރުން އަވަހާރަކޮށްލުމަށް ރާވާފައިވާކަމުގެ ހެކިތައްވެސް ލިބިފައިވާކަމަށް "އެފްބީއައި" ބުނެއެވެ.
މިމައްސަލަ ތަހްގީގު ކުރުމުގައި މިހާރު އެންމެބޮޑު އިސްކަމެއްދެނީ ކޮންގްރެސްގެ އިމާރާތަށް އަރައިގަތް ގްރޫޕްތަކާއި ޓްރަމްޕާ ދެމެދު އޮތް ކަމަށް ބެލެވޭ ގުޅުންތަކާއި އެ ގްރޫޕްތަކުން އެކަންވިލަރެސް ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ދެނެގަތުން ކަމަށްވެސް "އެފްބީއައި" ގެ ތަހްގީގީ އެޖެންޓުންނާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.
އަނެއްކޮޅުން ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ އެތަނަށް ގެއްލުން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަރުކަށި ލީޑަރެއްކަމަށްވާ ޖާކޮބް ޗާންސްލީ ގެ ގާނޫނީ ވަކީލުކަމަށްވާ އެލްބާޓް ވަޓްކިންޒް ބުނިގޮތުގައި ޖާކޮބް މިހާރު ހުރީ މިމައްސަލާގައި ސެނެޓްގައި ޓްރަމްޕާ ދެކޮޅަށް ކުރާ އިންޕީޗްމެންޓް ތަހްގީގްތަކުގައި ޓްރަމްޕާ ދެކޮޅަށް ހެކިބަސްދޭން ތައްޔާރަށެވެ. ޖާކޮބް އަކީ ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި މީހެއްނަމަވެސް އޭނާ ޓްރަމްޕް ދެކެ މިހާރުވަނީ ރުޅިއައިސްފައެވެ. ރުޅިއައީ ޓްރަމްޕް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން އޭނާއަށާ އަދި ކޮންގްރެސްގެ އިމާރާތަށް ވަދެގަތް ހުރިހާ މީހުންނަށް މަޢާފް ދެއްވާފައިނުވާތީ ކަމަށް އެމެރިކާގެ މީޑިއާ ބުނެއެވެ. (އަލްޖަޒީރާ)