އއ. މަތިވެރިއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ކޮވިޑް19 އާ ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އެ ރަށް މޮނިޓަރިންގ ހާލަތަށް ގެންގޮސް، ރަށަށް އަރައި ފޭބުން މަނާކުރީ މިއަދު އިރު އޮއްސުނު އިރު އެވެ.

މަތިވެރި ކައުންސިލް މެމްބަރު އިޔާސް އިބްރާހިމް "ސަން" އަށް ވިދާޅުވީ އެ ރަށް މޮނިޓަރިން އަށް ލީ، ރަށުގެ ކުޑަ ދެ ކުއްޖަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

ޕޮޒިޓިވްވި ދެ ކުދިންނަކީ، މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުވި ބަޔަކާ ކޮންޓެކްޓް ވެފައިވާ ދެކުދިން ކަމަށް ބެލެވެ އެވެ. މީގެ ކުރިން އެރަށުގައި ހޯމް ކަރަންޓީނުވި އެ ދެކުދިންގެ މާމަ އާއި ކާފަ ކޮވިޑަށް ޕޮޒިޓިވްވެ، ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ އެވެ.

"ފެސިލިޓީއަށް ގެންދިޔަ ހިސާބުން ރަށު ތެރޭގައި އަޑު ފެތުރުނީ އެމީހާ ކޮންޓެކްޓުވި ކަމަށް ކޮންމެސް ވަރަކަށް. ދެން އެ ގެ އެއްކޮށް ކަރަންޓީނު ކުރީ މީހުންނާ އެއްކޮށް. ދެން ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު އެ ގެއިން ކުޑަ ދެކުދިން ޕޮޒިޓިވްވީ،" އިލްޔާސް ވިދާޅުވި އެވެ.

އިޔާސް ވިދާޅުވީ ޕޮޒިޓިވްވި ދެކުދިންނަކީ ސްކޫލަށް ގޮސް، ރަށު ތެރޭގައި ކުޅެން ނުކުމެ އުޅުނު ދެ ކުދިން ކަމަށެވެ. ޕޮޒިޓިވްވީ ޕްރައިމަރީގައި ކިޔަވާ ދެކުދިންނެވެ.

މި ފަހުން މާލެ އާއި ރަށްތަކުން ވެސް ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ.