ކޮވިޑް ޖެހިގެން ރާއްޖެއިން އުމުރުން 88 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 52 ވަނަ މީހާ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:33 ހާއިރު މަރުވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،738 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 14،096 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު ބަލިޖެހިފައި ތިބި 1،582 މީހަކު އެބަތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 152 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މި މަހުގެ 24 ވަނަ ދުވަހު ވެސް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 86 އަހަރުގެ ދިވެއްސެކެވެ.

ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައި އޮތުމަށްފަހު އަލުން ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ.

މި އަހަރު ފެށުނު އިރު، ކޮވިޑްގެ ކޭސްތައް ހުރީ ދުވާލަކު 50 އަށް ވުރެ މަތީގަ އެވެ. ނަމަވެސް ފާއިތުވި ހަފްތާގައި އެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.

މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރުވެ، ކޮވިޑްގެ އިތުރުން އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބުރޫ އަރާނެތީ އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.