31 Jan 2021, 21:36
ކޮވިޑް19 މެނޭޖުކުރުމުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރި ގައުމުތަކުގެ ލިސްޓުގެ 25 ވަނައިގައި ރާއްޖެ ހިމެނިއްޖެ އެވެ.
އޮސްޓްރޭލިއާގެ އިންޑެޕެންޑެންޓް ތިންކް ޓޭންކް، ލޯވީ އިން ވަނީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގެ 98 ގައުމަކުން ކުރި މަސައްކަތްތައް ބަލައި ދިރާސާކޮށް، ޕާފޯމަންސް އިންޑެކްސް އެއް ތަރުތީބުކޮށްފަ އެވެ.
ލޯވީ އިން އާންމުކުރި އިންޑެކްސްގައި ބަލާފައި ވަނީ ކޮންމެ ގައުމަކުން ވެސް ކޮވިޑްގެ 100 ކޭސް ފެނުނު ދުވަހުން ފެށިގެން، 36 ހަފްތާ ވަންދެން ބަލިމަޑުކަން މެނޭޖުކުރުމުގައި އަމަލުކޮށްފައިވާ ގޮތަށެވެ.
އެ އިންޑެކްސް ތަރުތީބުކުރުމުގައި ބަލާފައި ވަނީ މައިގަނޑު ހަ އިންޑިކޭޓާ އަކަށެވެ. އެގޮތުން މީހުން ޓެސްޓު ކުރި މިންވަރަށާއި، ޕޮޒިޓިވްވި މީހުންގެ އަދަދާއި، ބަލީގައި މީހުން މަރުވި އަދަދާ ގުޅުންހުރި ކަންކަން ބަލާފައިވެ އެވެ.
އިންޑެކްސްގައި 94.4 ޕޮއިންޓާއެކު، އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ގައުމަކަށް ވެގެން ގޮސްފައި ވަނީ ނިއުޒީލެންޑެވެ. މި ސަރަހައްދުން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ގައުމަކީ ސްރީލަންކާ އެވެ. ޖުމްލަ 76.6 ޕޮއިންޓާއެކު، ލަންކާ ހިމެނުނީ އިންޑެކްސްގެ 10 ވަނައިގަ އެވެ.
ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރާ ގައުމަކަށް ރާއްޖެ ވެފައިވާއިރު، ރާއްޖެއަށް ލިބިފައި ވަނީ އިންޑެކްސް 25 ވަނަ އެވެ. އެއީ 61 ޕޮއިންޓާ އެކު އެވެ.
އަވަށްޓެރި އިންޑިއާ ހިމެނިފައި ވަނީ ރޭންކިންގެ 86 ވަނައިގަ އެވެ. އެއީ 24.3 ޕޮއިންޓާ އެކު އެވެ. 17.3 ޕޮއިންޓާއެކު އެމެރިކާ ލިސްޓުގެ 94 ވަނައިގައި އޮތް އިރު، އެންމެ ފުލުގައި އޮތީ 4.3 ޕޮއިންޓާ އެކު ބްރެޒިލް އެވެ.
އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާ އެ ރޭންކިންގައި ހިމަނާފައެއް ނުވެ އެވެ. އެއީ ބައްޔަށް ޓެސްޓުކުރުމަ ގުޅޭގޮތުން އެގައުމުން އެކަށީގެންވާ މިންވަރަށް ތަފާސް ހިސާބު އާންމުކޮށްފައި ނުވާތީ އެވެ.