30 Jan 2012, 13:32
އެފްއޭ ކަޕުގައި ރޭ އެސްޓަން ވިލާ އަތުން ފަހަތުން އަރާ މޮޅުވެ ތައްޓެއް ހޯދުމުގެ ފުރުސަތު އާސެނަލް އިން ހޯދައިފި އެވެ. ފުރަތަމަ ހާފުގައި އެސްޓަން ވިލާ ދެލަނޑު ކާމިޔާބު ކޮށްފައިވަނިކޮށް އާސެނަލް އިން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓުގައި ވިލާގެ އަޔަލެންޑް ޑިފެންޑަރު ރިޗާޑް ޑަން އެޓީމަށް ލީޑު ނަގައިދިނެވެ. ވިލާގެ ދެވަނަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ޑެރަން ބެންޓް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ވިލާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އާސެނަލްގެ ކުޅުން އިތުރަށް ވަރުގަދަ ކުރި އެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ރޮބިން ވެންޕާސީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ތިއޯ ވަލްކޮޓް އެވެ. މެޗުގެ 61 ވަނަ މިނެޓުގައި އާސެނަލް އަށް ލިބުނު ދެވަނަ ޕެނަލްޓީ އިން އެޓީމަށް ލީޑު ނަގައިދިނީ ފުރަތަމަ ޕެނަލްޓީ ވެސް ކާމިޔާބު ކޮށްދިން ވެންޕާސީ އެވެ. މިމެޗު ނިމިގެންދިޔައީ 3-2 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
އެފްއޭ ކަޕްގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ސަންޑަލޭންޑް އާއި މިޑްލްސްބްރޯ އެވެ. މިމެޗު 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެން ނިމުމުން ނަތީޖާ ނެރުމަށް އިތުރު މެޗެއް ކުޅެން ޖެހިފައި ވެއެވެ. މިމެޗުގައި ފުރަތަމަ ލީޑު ހޯދީ މިޑްލްސްބްރޯ އިންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބެރީ ރޮބްސަން އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ސަންޑަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރޭޒިއާ ކޭމްޕްބަލް އެވެ.