ކޮވިޑ19 ގެ ކޭސްތައް އިތުރުވާނަމަ، ސިއްހީ ހިދުމަތް ދޭ ތަންތަނަށް ނުތަކާ ވަރުވެދާނެތީ، އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ކޮވިޑް19 ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައި އޮތުމަށްފަހު އަލުން ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވާން ފަށައިފަ އެވެ.

އެގޮތުން މި އަހަރު ފެށުނު އިރު، ކޮވިޑްގެ ކޭސްތައް ހުރީ ދުވާލަކު 50 އަށް ވުރެ މަތީގަ އެވެ. ނަމަވެސް ފާއިތުވި ހަފްތާގައި އެ އަދަދު ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުތަކާވަރު ވެދާނެ ކަމަށެވެ. އަދި ކޮވިޑްގެ އިތުރުން އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބުރޫ އަރާނެ ކަމަށެވެ.

އެހެންކަމުން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ 122 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 90 މީހުންވެސް ހިމެނެ އެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،738 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 14،096 މީހުން ރަނގަޅުވެފައި ވާއިރު، މިވަގުތު 1،582 އެކްޓިވް ކޭސް އެބަހުއްޓެވެ. އަދި ހޮސްޕިޓަލުތަކުގައި 152 މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 51 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ކާފިއު އިއުލާނުކޮށްފައިވެ އެވެ.

އަދި ރާއްޖެއިން ބޭރުން އަންނަ އެންމެން 10 ދުވަހަށް ކަރަންޓީނުކުރަން ނިންމައި މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.