31 Jan 2021, 17:31
ބެއިޖިން (ޖެނުއަރީ 31): ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި ގޮތް ތަހުގީގު ކުރާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޓީމުން ވޫހާންގެ ހުއަނަން ސީފުޑް މާކެޓަށް ޒިޔާރަތް ކޮށްފި އެވެ.
ކޮވިޑް-19އިގެ އެންމެ ފުރަތަމަ ކްލަސްޓާގައި ހިމެނޭ މީހުން ގުޅިފައިވާ މާކެޓަށް ޑަބްލިޔުއެޗްއޯގެ ޓީމުން މިއަދު ދިޔަ އިރު އެ ސަރަހައްދުގައި އޮތީ ސަލާމަތީ ކަންތައްތައް ވަރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން އެ ބާޒާރު ވަށައިގެން އުސް ފެންސެއް ޖަހާފައި ހުރި އިރު އޭގެ އިތުރަށް ބެރިކޭޑުތައްވެސް ބަހައްޓާފައި ހުއްޓެވެ.
"ވަރަށް މުހިއްމު ދަތުރުތަކެއް މިއަދު - ފުރަތަމަ ހޯލްސޭލް މާކެޓަކަށް އަދި މިހާރު ހުއަނަން ސީފުޑް މާކެޓަށް. 2019އިގެ ފަހުކޮޅު ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް ވަރަށް މުހިއްމު މައުލޫމާތު ލިބުނު،" ޑަބްލިޔުއެޗްއޯގެ ޓީމުގައި ހިމެނޭ ޒޫލޮޖިސްޓެއް ކަމަށްވާ ޕީޓާ ޑަޒަކް ޓުވިޓާ މެދުވެރިކޮށް ވިދާޅުވި އެވެ.
މިމަހުގެ މެދުތެރޭގައި ޗައިނާއަށް ދިޔަ ޑަބްލިޔުއެޗްއޯގެ ޓީމުން މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގައި މަސައްކަތް ފަށާފައި ވަނީ ދެ ހަފްތާއަށް ކަރަންޓީނުވުމަށް ފަހުގަ އެވެ. އަދި އެ ޓީމުން ވަނީ ހޮސްޕިޓަލްތަކަށާއި ބާޒާރުތަކަށް ޒިޔާރަތްކޮށްފަ އެވެ.
ހުއަނަން ސީފުޑް މާކެޓަކީ ކަނޑުމަހުގެ އިތުރުން ދިރޭ ވަލު ޖަނަވާރާއި އޭގެ ބައިތައް ކެއުމަށްޓަކައި ވިއްކަމުން ދިޔަ ބާޒާރެކެވެ. އޭގެ ތެރޭގައި ހިޔަޅާއި ނަގުލަންދާށްޓާއި ކިނބުލާއި އެފަދަ ޖަނަވާރުގެ ނަގުލާއި ދުލާއި ގޮހޮރު ހިމެނެ އެވެ. އެ ބާޒާރު ބަންދު ކުރީ، ގޮތް ނޭނގޭ ހަތަރު ނިއުމޯނިއާ ކޭސްއެއް އެތަނާ ގުޅުން ހުރި ކަމަށް ފާހަގަ ކުރެވުމުން 31 ޑިސެމްބަރު 2019އިގަ އެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ ޗައިނާގައި އާ ކޮރޯނާވައިރަސް ފެތުރެން ފެށުމުން އެގައުމުން އެކަން ފޮރުވަން މަސައްކަތް ކުރި ކަމަށާއި އޭގެ ސަބަބުން ބަލި ކޮންޓްރޯލު ނުވެ، އިތުރަށް ފެތުރުމަށް މަގުފަހިވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ ޑަބްލިޔުއެޗްއޯގެ ތަހުގީގު "ދެފުށްފެންނަ" ގޮތަކަށް ކުރިއަށް ގެންދިޔުމަށް ގޮވާލާ، އެ ތަހުގީގުގެ ފުރަތަމަ ދިރާސާތައް ހެދުމުގެ ފުރުސަތު ޗައިނާގެ ސައިންސުވެރިންނަށް ދޭތީ ފާޑު ކިޔާފަ އެވެ.