31 Jan 2021, 17:26
ކޮވިޑް-19 ވެކްސިން ސިޔާސީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފި އެވެ.
ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
މާދަމާ މާލެއާއި ކުޅުދުއްފުއްޓާއި އައްޑޫގައި ވެކްސިން ދޭން ފަށާއިރު. އެ ވެކްސިނާ މެދު ސުވާލު އުފައްދައި، ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ އިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2020 ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިހާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާހައުލެއް ގާއިމްވެފައި އޮތުމަކީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިހާބަށް ލިބިގެންދާނެ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ކޮވިޑް-19 އާއި ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި އަދި ވެކްސިން ސިޔާސީ ނުކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކޮށަފައެވެ.
ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ އިން ބުންޏެވެ.
މާދަމާ ރާއްޖޭގައި ވެކްސިން ދޭން ފަށާނީ މާލެ، ކުޅުދުއްފުށި، އަދި އައްޑޫގަ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ވަނީ ގެންގޮސްފަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.
ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ ހުރިހާ ޑޯޒްތަކުން މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ދެވޭނެ އެވެ.