31 Jan 2021, 16:16
ކައުންސިލް އިންތިހާބު ބޭއްވުމަށް އިތުރަށް ފައިސާ ބޭނުންވާނަމަ، އެކަން ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑިޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވި، ބަޖެޓް ހަމަނުޖެހިގެން އިންތިހާބު ނުބޭއްވޭނެ ހާލަތަކަށް ނާންނާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ބަޖެޓް ހަމަޖެހޭނެ ކަމަށެވެ.
އެމަނިކުފާނު އެހެން ވިދާޅުވި ނަމަވެސް، އިތުރަށް ހަރަދު ހިނގާނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ އިތުުރު ހަރަދެއް ހިނގާނެހެނެއް. ދެން ހިނގާނެ އެއްޗެއް ދޭނެ ނޫންތޯ. ކޮންއިރަކުތޯ ދައުލަތުގެ ކަމެއް ކުރަންވީމަ، ފައިސާ ނެތޮފައި އޮތީ،" ރައީސް ނަޝިދު ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ
އެމަނިކުފާނު ވިދާޅުވީ، ފައިސާ އިތުރަށް ބޭނުންވާނަމަ މަޖިލީހުންވެސް އަދި ފިނޭންސް މިނިސްޓްރީންވެސް އެކަމަށް ހައްލު ހޯދައިދޭޏެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން ކަށަވަރު އެ ހިނގާ ހަރަދު ދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުން ފާސް ކުރި ބަޖެޓްގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް އެ ބަޖެޓްގައި އިންތިހާބު ބާއްވަން ދަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރަށް 45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮތީ އަންނަ އެޕްރީލް މަހު 10 ވަނަ ދުވަހު އެވެ.