31 Jan 2021, 15:30
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު ކޯލިޝަަނަށް ނުލިބޭ ފުރަސަތެއް ބޭނުން ނުކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިންގައި ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނާ ގުޅޭގޮތުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުގައި ކެމްޕެއިން ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަން ކަށަވަރު ކަމަށެވެ.
"އަޅުގަނޑު ހަމަ ގައިމުވެސް [ކެމްޕެއިންކުރުމުގައި] ޕީޕީއެމްއަށް ނުލިބޭ ފުރަސަތެއް ބޭނުމެއް ނުކުރާނަން. ހަމަގައިމުގެސް އަޅުގަނޑު ބޭނުންމެއް ނުކުރާނަން އެ ފުރަސަތެއް އަޅުގަނޑަށް ލިބިފައި އޮތަސް،" ރައްޔިތުންގެ މަޖިލިސްކަންވެސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ ---
ރައީސް ނަޝީދު ވިދާޅުވީ، ވަރަށް ގިނަ ކަންކަމުގައި އެކި ގޮތްގޮތަށް ކަންކަން ކުރުމަށް އެމަނިކުފާނަށް ފުރުސަތު ލިބޭ ކަމަށާއި އެހެން ނަމަވެސް އެހެން މީހަކަށް ނުލިބޭ ފުރުސަތެއް އަމިއްލަފުޅަށްވެސް ބޭނުން ނުކުރައްވާނެ ކަމަށެވެ.
"މިސާލަކަށް އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން ކަރަންޓީން ނުވެ، މިހާރު ރަށަަކަށް ދެވެން ނެތް. އަޅުގަނޑުމެން މި ފިކުރު ކުރަނީ، އަޅުގަނޑުމެން އެންމެން ގޮސް ކަރަންޓީންވާން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން ކެމްޕެއިން ކުރުމަށް އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.
ސަރުކާރު މަޝްރޫއުތަކުގެ ރަސްމިއްޔާތުތައް ބޭއްވުމުގެ ނަމުގައި އެޗްޕީއޭގެ ހުއްދައިގެ ދަށުން ކަރަންޓީން ނުވެ، ސަރުކާރުގެ އިސްފަރާތްތަކާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ް ރަށްރަށަށް މީގެ ކުރިން ދަތުރުކޮށްފައިވެއެވެ. އެކަމަކީ އިދިކޮޅަށް ނެތް ފުރަސަތެއް ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅު ކުރި އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ނަޝިދު ވިދާޅުވީ، އެއީ ކެމްޕެއިން ކުރުން ކަމަށް ނުދެކޭ ކަމަށެވެ. އަދި އެއީ މާ ބައިވަރު ވޯޓު ލިބޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންތިހާބުގައި އަޅުގަނޑުމެންނަށް ނާޖާއިޒް ފައިދާ ނުނެގޭނެ، ނަގައިގެންވެސް ނުވާނެ. އަދި އިރާދަކުރެއްވިޔާ އެކަން ނުވެސް ފެންނާނެ. ބޯޑެއް ބަހައްޓައިގެން ދެވަޒީރުން ތިބެގެން ރިބަން ފަށް ކަނޑާލުމަކީ މާބައިވަރު ވޯޓު ލިބޭނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ރައީސް ނަޝިދު ތަކުރާރު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ބޮޑެތި އާބާދީތަކުގެ ރަށްތަކުގެ ކައުންސިލް ގޮނޑިތައް ނަގާނެ ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރި އިރު، މި އިންތިހާބަކީ ވާދަވެރި އިދިކޮޅު ފަރާތްތައް ޖެހިޖެހިގެން ބަލި ކުރާނެ ތިންވަނަ އިންތިހާބަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދީ އެއްވެސް ދިވެއްސެއް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް އިދިކޮޅުގެ ފަރާތުން ހުށަހަޅަން ދިޔަ އެވެ. އެހެންމަވެސް އިދިކޮޅުން ބުނެފައިވަނީ އެ މައްސަލަ ސިވިސް ކޯޓުން ބަލައިނުގަތް ކަމަށެވެ.