ރާއްޖޭގެ ކަނޑުތަކުގެ ޗާޓު އަޕްޑޭޓް ކުރަން އިންޑިއާއާއެކު ހައިޑްރޮގްރަފީ ސާވޭއެއް ފަށައިފި އެވެ.

އެ ސާވޭއަކީ މޯދީގެ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއާ ރާއްޖެއާ ދެމެދު ހައިޑްރޮގްރަފީގެ އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ސާވޭއެކެވެ.

އެ ސާވޭއާ ގުޅޭ މައުލޫމާތު ދިނުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ އުތުރުގެ އަތޮޅުތަކުގައި ކަމަށެވެ.

އޭނާ ވިދާޅުވީ މި ސާވޭއަކީ ކަނޑު ދަތުރުފަތުރު ކުރުމަށް ކޮންމެހެންވެސް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެ ސާވޭއެއް ކަމަށާއި އަދި މިއީ ނޫ އިގްތިސާދާ ދިމާލަށް ދާން ކުރާ މަސައްކަތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު ސަލީމް-- ފޮޓޯ/އެމްއެންޑީއެފް

"ބޭރު ކަނޑެއް ނޫން، ދަތުރުވެރިންނަށްވެސް ބޮޑަށް ނުރައްކާ ހިމެނެނީ އެތެރެއިން. އަޅުގަނޑުމެންގެ ފަރުތައް ހުންނަ ގޮތުގެ މައުލޫމާތު ޗާޓެއްގައި ހިމަނަން ބޭނުންވަނީ... މީގައި ނެޝަނަލް ސެކިއުރިޓީއަށް ބުރޫއަރާ ކަހަލަ މައުލޫމާތެއް ނުހިމެނޭނެ. އާންމު ގޮތެއްގައި ނަގަނީ ނެވިގޭޝަނަށް ބޭނުންވާ ޗާޓު ކުރެހުމަށް ނުވަތަ އާންމުކޮށް ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ޗާޓުތަކުގައި ހުންނަ މައުލޫމާތު." އޭނާ ވިދާޅުވި އެވެ.

މި ސާވޭއަށް އިންޑިއާ ހިޔާރުކުރީ އިންޓަނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހުން މި ސަރަހައްދުގެ ކޯޑިނޭޓަރަކަށް އިންޑިއާ ކަނޑައަޅާފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް މި ދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމުތައް ލީޑުކޮށްގެން މިކަހަލަ މަސައްކަތްތައް ކުރަނީ. މިއީ އެހެން ހިސާބުތަކުގައިވެސް މިކަން ކުރާ ގޮތް. ކުރީއްސުރެވެސް އިންޑިއާއާއެކީގައި މި މަސައްކަތް ކުރެވެމުންދާތީ އާއެކީ އަދި މި ސަރަހައްދުގައި ކެޕޭސިޓީ ހުރި އެންމެ ރަނގަޅު އެއް ފަރާތުގެ ގޮތުގައި އިންޑިއާ ފާހަގަކުރެވެނީ. ރާއްޖެ އެކަންޏެއް ނޫން، މި ސަރަހައްދުގެ ވަރަށް ގިނަ ގައުމުތަކުގައި ސާވޭ ކުރަން އެހީތެރިކަން ފޯރުކޯށްދޭ އިންޑިއާއިން." ކާނަލް ސަލީމް ވިދާޅުވި އެވެ.

މިއަދުން ފެށިގެން މާޗު 15ގެ ނިޔަލަށް ކުރިއަށްގެންދާ މި ސާވޭގައި ހަރަކާތްތެރިވާ އިންޑިއާ ނޭވީގެ އައިއެންއެސް ދަރްޝަކް މިއަދުގެ ވަގުތެއްގައި ވަނީ ރާއްޖެއަށް އައިސްފަ އެވެ.

ހައިޑްރޯގްރެފީ ސާވޭގައި ހަރަކާތްތެރިވާ އިންޑިއާ ނޭވީގެ އައިއެންއެސް ދަރްޝަކް-- ފޮޓޯ/އެމްއެންޑީއެފް

ރާއްޖޭގައި ހައިޑްރޯގްފިކް ސާވޭ ކުރަން ފެށީ 2007 ވަނަ އަހަރު އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެންނެވެ.

މި ސާވޭގެ އަލީގައި ކަނޑުމަތީގައި ހިނގާ ފަރަށް އެރުން ފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންނާއި އޮޑިވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވި، ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

މި މަސައްކަތުގެ ދަށުން އިންޝުއަރެންސް ކްލެއިމްތައް ހުއްދަކުރަން މަގުފަހިވެ، އިގްތިސާދު ފުޅާކުރަން ބޭނުންވާ މައުލޫމާތު ލިބުމުގެ އިތުރުން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން ބޭނުންވާ މުހިންމު މައުލޫމާތު ލިބޭނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.