31 Jan 2021, 10:48
މާދަމާ މާލެއާއި ކުޅުދުއްފުއްޓާއި އައްޑޫގައި ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފި އެވެ.
ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 100،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހިރު މާހިރު "ސަން"އަށް ވިދާޅުވީ، މާދަމާ ރާއްޖޭގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.
ވެކްސިން ދޭން ފަށާނީ މާލެ، ކުޅުދުއްފުށި، އަދި އައްޑޫގަ އެވެ. މިހާރު އެ ސަރަހައްދުތަކަށް ވެކްސިން ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
އައްޑޫ ސިޓީގައި ވެކްސިން ދޭނީ އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ.
އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިންނެވެ.
ހެލްތު މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވެކްސިން ދޭ އިރު އިސްކަން ދޭނީ ފްރަންޓްލައިން މަސައްކަތްތެރިންނަށް ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވެކްސިން ދޭން ފައްޓާނެ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.
ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ ހުރިހާ ޑޯޒްތަކުން މުޅި ރާއްޖޭގެ އާބާދީއަށް ވެކްސިން ދެވޭނެ އެވެ.