ވޮޝިންޓަން (ޖަނަވަރީ 31) : އެމެރިކާގެ މިނިވަން މުއައްސަސާތައް ބަލިކަށިވަމުން ދިޔުމާއެކު އެމެރިކާގެ މައިސަރުކާރާއި ލޯކަލް ސަރުކާރުތަކުގެ އިދާރާތަކުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އަށަގަންނަމުންދާކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން ނެރުނު "އެނުއަލް ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް ރިޕޯޓް" އާ ހަވާލާދީ އެމެރިކާގެ މަޖައްލާއެއް ކަމަށްވާ "ފޮރިން ޕޮލިސީ" ބުނާގޮތުން އެމެރިކާގެ ކޮރަޕްޝަން ލެވެލްވަނީ 100 ވަނައަށްވުރެ ދަށުގައި އޮތުމަށްފަހު 76 ވަނައަށް މައްޗަށް ގޮސްފައެވެ. ކޮރަޕްޝަން މެޝަމެންޓް އިންޑެކްސް ގައި ކޮރަޕްޝަންގެ އެންމެ މަތީ އަދަކީ އެކެކެވެ. ނުވަތަ އެއްވަނައެވެ. އެކަކުން ފެށިގެން ދެންގުނާ އަދަދުތަކަކީ ކޮރަޕްޝަން ލެވެލް ދަށަށްދާ އަދަދުތަކެކެވެ.

އެމެރިކާގެ ކޮރަޕްޝަން ލެވެލް 2015 ގެ ކުރިންވަނީ 100 ވަނައަށްވުރެ ދަށުގައެވެ. ނަމަވެސް 2015 ވަނައަހަރު އެމެރިކާގެ ކޮރަޕްޝަން ލެވެލް 76 ވަނައަށް މައްޗަށް ދިޔައެވެ. އެއަށްފަހު އެންމެފަހުގެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ކޮރަޕްޝަން ލެވެލްވަނީ 10 ޕޮއިންޓް މައްޗަށް ގޮސް 67 ވަނައަށް މައްޗަށް ގޮސްފައެވެ. މިއީ އެމެރިކާގައި ހެޔޮވެރިކަން (ގުޑް ގަވަނެންސް) ދަށަށްގޮސް އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަށް ބަލިކަށިވަމުންދާ ކަމުގެ ހެއްކެތްކަމަށް "ފޮރިން ޕޮލިސީ" ބުނެއެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް ގެ އެމެރިކާގެ ގޮފީގެ ޑައިރެކްޓަރ ސްކޮޓް ގްރެޓެކް ވިދާޅުވިގޮތުގައި ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އެމެރިކާގައި ގުޑް ގަވަނެންސް ދަށަށްގޮސް އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަށް ބަލިކަށިވަމުން ގޮސްފައިވަނީ ވަރަށް ބޮޑަށެވެ. ގްރެޓެކް ވިދާޅުވިގޮތުގައި އެމެރިކާގައި ކުންފުނިތަކުގެ ބާރާއި ނުފޫޒުވަނީ އިންތިހާއަށް ގަދަވެފައެވެ. މިއާއެކު އެމެރިކާގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރުގެއްލެމުންދާކަންވެސް ގްރެޓެކް ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ގިނަބަޔަކުވަނީ އެންމެފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކާމެދުވެސް ސުވާލު އުފައްދާފައެވެ. މިއީ އެމެރިކާގައި ވަރަށް މަދުބަޔަކުނޫނީ ކުރިން ސުވާލު ނުއުފައްދާ ކަންކަމެވެ. މިހާގިނަބަޔަކު ސުވާލު އުފައްދަނީ ސަބަބުތަކެއް ހުރެގެންކަމުގެ ބަހުސް އެމެރިކާގައި ދަނީ ހިނގަމުންނެވެ. އެހެންކަމުން އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ ސައްހަކާމެދު ސުވާލު އުފައްދާ މައްސަލައަކީ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ގައުމީ ލެވެލްއެއްގައި ބަލަންޖެހޭ ކަމެއްކަމަށް ގޮވާލާ އަޑުތައް އެމެރިކާގައިވަނީ ގަދަވެފައެވެ.

އެމެރިކާއިން އެގައުމުގެ ޑިމޮކްރަސީއާއި ހުޅަނގުގެ ކެޕިޓަލިސްޓް އިގްތިސާދީ ނިޒާމަކީ މުޅިދުނިޔޭގައިވެސް އެންމެ މޮޅު އަދި އެންމެ ލާމަސީލު ނިޒާމުކަމަށް ދައުވާކުރަމުން ގެންދާތާ 70 ވަރަކަށް އަހަރުވެފައިވާއިރު މިއި ހަގީގަތެއްނޫންކަން މިހާރުދަނީ ހާމަވަމުންނެވެ. އެމެރިކާގައި ޑިމޮކްރަސީއާއި ގުޑްގަވާނެންސް އޮންނަތާ 250 އަށްވުރެ ގިނައަހަރުވެފައި އެމެރިކާއަކީ އިންތިހާއަށް މުއްސަނދި ގައުމަކަށްވާއިރު އެމެރިކާގައި 30 މިލިޔަނަށްވުރެ ގިނަ ފަގީރުން ތިބުމާއި ގެދޮރުނެތް 15 ވަރަކަށް މިލިޔަން މީހުން ތިބުމާއި ނަސްލީ އިމްތިޔާޒުގެ މައްސަލަ ހައްލުނުވުމާއ ޑިމޮކްރެޓިކް މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ދިޔުމަކީ އެމެރިކާގެ ޑިމިކްރެޓިކް ނިޒާމުގެ މައްސަލައެއް ކަމަށް "ފޮރިން ޕޮލިސީ" ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ ސިޔާސީ ވެރިންގެ ކޭންޕޭންތަކަށް ޚަރަދުކުރާ ކުންފުނިތަކުގެ ބާރާއި ނުފޫޒު ސަރުކާރުގެ އިދާރާތަކަށް އިންތިހާއަށް ގަދަވަދެފައި އޮންނަ އޮތުމާއި މިނުފޫޒު އެމެރިކާގެ އާންމު ރައްޔިތުންގެ މަސްލަހަތާ ފުށުއަރާ މައްސަލަ ހައްލުނުވުމާއި އެމެރިކާގެ ރައްޔިތުންނަށް ސިއްހީ ރައްކާތެރިކަމުގެ ނިޒާމެއް ނެތުމާއި ކޮވިޑް-19 ފަދަ ވަބާތަކާ ކުރިމަތިލުމުގެ އެމެރިކާ ބަލިކަށިވުމަކީ އެމެރިކާގެ ނިޒާމު ބަލިކަށިވެފައިވާ ކަމުގެ ހެއްކެތްކަމަށް މުހައްލިލުން ސިފަކުރައްވައެވެ. (ފޮރިން ޕޮލިސީ)