ޗެލްސީގެ އައިވަރީ ކޯސްޓް ފޯވާޑް ޑިޑިއާ ޑްރޮގްބާ އެހެން ކުލަބަކަށް މިމަހު ބަދަލުނުވާނެ ކަމަށް އޭނާ ބުނެފި އެވެ.

މިސީޒަން ނިމެންދެން މަޑުކުރަން ބޭނުން ވަނީ ޗެލްސީގައި ކަމަށް ޑްރޮގްބާ ބުނެފައި ވެއެވެ.

ޗެލްސީ އަށް އިތުރު އަހަރު ދުވަހަކަށް ކުޅުމަށް އެންމެ ބޮޑަށް އެއްބަސްނުވި އެއް ސަބަބެއް ކަމަށް ބެލެވެނީ ބޮޑު އަގެއް ކިޔާ ކުލަބަކަށް ދިއުމުގެ ވިސްނުމެއް ޑްރޮގްބާ ގެންގުޅޭތީ ކަމަށް ވެއެވެ. މިކަން އޭނާގެ އެޖެންޓް ވެސް ދާދި ފަހުން ވަނީ ކަށަވަރު ކޮށްދީފައި ވެއެވެ.

"މިސީޒަން ނިމެންދެން ހުންނާނީ ޗެލްސީގައި. އަހަރެން ޗެލްސީގައި މިހިރީ އުފަލާއެކު. މިއީ މޮޅު ކުލަބެއް. ޗެލްސީ އާއެކު އަހަރެންނަށް ގިނަ ކާމިޔާބީ ތަކެއް ހޯދިފައިވޭ. އެހެންކަމުން މިމަހު އެއްވެސް އެހެން ކުލަބަކަށް ދިއުމުގެ އެއްވެސް ޝައުގެއް ނެތް،" ޑްރޮގްބާ ބުންޏެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ އާއި ފެނާންޑޯ ޓޮރޭސް ގުޅުނު ފަހުން ޑްރޮގްބާގެ ބޭނުން މަޑު މަޑުން ފަނޑުވަމުން އަންނަތަން ފެނުނެވެ. އަދި މީގެ އިތުރުން ލޯނުގެ ދަށުން މިދިޔަ ސީޒަނުގައި ބޮލްޓަން އަށް ކުޅުމަށް ފަހު މިސީޒަނުގައި ޗެލްސީ ގައި މަޑުކުރި ޑެނިއަލް ސްޓަރިޖް ގެ ބޭނުންވެސް ޑްރޮގްބާ އަށް ވުރެ ގިނައިން އެކުލަބުން ހިފަމުން ދެއެވެ.