އާންމު ތަނެއްގައި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

އަަބްދުއްރަހީމްއަށް ދައުވާ ކުރީ ނޮވެމްބަރު 28، 2019ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ހަޑިހުތުރު ބަހެއް ބޭނުންކުރެއްވުމުނެވެ.

އެ މައްސަލައިގައި އަދުރޭގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 615ގެ (ހ)ގެ ތިން ވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ނ) އާއި (ށ)ގެ ދަށުން ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރީ އޮކްޓޯބަރު 26، 2020ގަ އެވެ.

މިއަދު އެ މައްސަލައިގައި ބޭއްވި ފުރަތަމަަ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފަަ އެވެ. ނަމަވެސް، އަބްދުއްރަހީމްގެ ފަރާތުން މިއަދު ދައުވާއަށް ޖަވާބުދާރީ ނުވެ އެވެ. އޭނާގެ ވަކީލު އަދި ދަނބިދަރިފުޅު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ މިއަދު ކަމަށެވެ. އެހެންކަމުން، ތައްޔާރުވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ، އެ މައްސަލައިގައި އަންނަ ހަފްތާގައި ބާއްވާ އަޑުއެހުމުގައި އަބްދުއްރަހީމަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށެވެ.

ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށަކީ ގާނޫނުލްއުގޫބާތުގައިވާ ގޮތުން ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އިއުތިރާފުވެއްޖެ ނަމަ އަންނާނީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.