ނެޓްފްލިކްސް ސީރީޒް "އޮން މައި ބްލޮކް" ގެ އިތުރު ސީޒަނެއް ގެނެސްދޭން ނިންމައިފިއެވެ.

އެ ސީރީޒްގެ ދެން ގެނެސްދޭނީ ހަތަރު ވަނަ ސީޒަންއެވެ. އެއީ "އޮން މައި ބްލޮކް" ގެ ވެސް އެންމެ ފަހު ސީޒަނެވެ. ސީރީޒްގެ ވީޑިއޯކޮޅެއް ހިއްސާކުރުމަށްފަހު ނެޓްފްލިކްސް އިން ބުނީ އެންމެ ފަހު އެޑްވެންޗާ އަށް މި ކުދިން ތައްޔާރަށް ތިބި ކަމަށާއި މި ސީޒަން ވެގެންދާނީ އެންމެ ފަހު ސީޒަނަށް ކަމަށެވެ.

ރިލީޒްކުރާނެ ތާރީޚެއް އިއުލާން ނުކުރާ މި ކޮމެޑީ ޑްރާމާ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު ސީރީޒެކެވެ. ހެއްވާ މަޖާ ކަންތައްތަކެއް ވެސް ފެނިގެންދާ މި ސީރީޒްގެ ކްރިއޭޓަރުންނަކީ ލޯރެން ލަންގްރިޗް، އެޑީ ގޮންޒަލޭޒް އަދި ޖާމީ ހޯފްޓްއެވެ.

ހަތަރު އެކުވެރިންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދޭ "އޮން މައި ބްލޮކް"ގެ ތަރިންނަކީ ސިއެރާ ކެޕްރީ (މޮންސޭ)، ޖޭސަން ގެނާއޯ (ރޫބީ)، ބްރެޓް ގެރޭ (ޖަމާލް) އަދި ޑިއޭގާ ޓިނެކޯ (ސީޒާ) އެވެ.

ވަކިނުވާފަދަ ވަރުގަދަ ގުޅުމެއް އޮތް އެ ހަތަރު އެކުވެރިންގެ ގުޅުން ކެނޑިގެން ތިން ވަނަ ސީޒަން ނިމިގެންދިޔައިރު އާންމުން ތިބީ ދެން ވާނެ ގޮތް ބަލަން ކެތްމަދުވެފައެވެ.