އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް އެކުލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ބުނެފި އެވެ.

ގިނަ ދުވަސްތަކެއްގައި މެންޔުނައިޓެޑްގެ ބެންޗުގައި ބޭންދުމަށް ފަހު، އޭނާ އަށް ފުރަތަމަ އެގާރައަށް ކުޅުމުގެ ފުރުސަތު ލިބިފައި ވަނީ ސީޒަނުގެ ކުރީ ކޮޅުގަ އެވެ. ނަމަވެސް ފޯވާޑް ޑެނީ ވެލްބެކް އާއި ހާވިއާ ހެނާންޑޭޒް އަނިޔާއިން ސަލާމަތްވުމާއެކު، ބާބަޓޯވް އަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ.

"ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އަހަރެން ބުރަ މަސައްކަތްތަކެއް ކުރަން. އެކަން ކޯޗަށް އެނގޭނެ ކަމަށް އުންމީދު ކުރަން. ވެދާނެ ޓީމު ކުޅޭ ގޮތާއި އަހަރެން ކުޅޭ ގޮތް ތަފާތު ވާތީ ކަމަށް. ނަމަވެސް އަހަރެންގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދިވެސް އަހަރެން މަސައްކަތް ކުރާނަން،" ބާބަޓޯވް ބުންޏެވެ.

ބާބަޓޯވް އަކީ ދެއަހަރު ދަވަހު ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުމަށްފަހު 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30.75 މިލިޔަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ކުޅުންތެރިއެކެވެ. ބާބަޓޯވް ވަނީ މެންޔުނައިޓެޑަށް ކުޅުނު 107 މެޗުން 47 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބާބަޓޯވް އަށް އިތުރު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއް މެންޔުނައިޓެޑުން ދާދި ފަހުން ހުށަހަޅާފައި ވެއެވެ.