ކޮވިޑް19ގެ އެކްޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާ މ. ކޮޅުފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ހާއްސަ ރައްކާތެރިކަމާއި އަޅާލުންް ބޭނުންވާ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ސަން" އަށް ވިދާޅުވީ ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ 21 ފަރާތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ނެޕީ އާއި ސެނިޓައިޒާ އަދި ފޭސްމާސްކާއި އަންގި، އަތްދޮންނަ ފުޅި ފަދަ ތަކެތި ޕެކޭޖުގެ ތެރޭގައި ފޮނުވާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

މިނިސްޓްރީ އިން ވަނީ ކޮޅުފުށީގައި ދިރިއުޅޭ މީހުންގެ ތެރެއިން ނާޒުކު ހާލުގައި އުޅޭ މީހުންގެ މައުލޫމާތު އެއްކޮށްފައެވެ.

ކެއާ ޕެކޭޖުތައް ފޮނުވާ ބޯޓު މިރޭ މާލެއިން ކޮޅުފުއްޓަށް ފުރާނެ ކަމަށާއި އުއްމީދަކީ މިތަކެތި އަންނަ ހޯމަދުވަހު ބަހާ ނިންމުން ކަމަށް އިބްރާހިމް ވިދާޅުވިއެވެެ.

ކޮޅުފުށިން ކޮވިޑް ކޭސްތަކެއް ފެނި އެރަށް މޮނީޓަރިން އަށް ލާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ އެރަށުން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ އާއި ބައްދަލުވި ފަރާތްތަކުގެ ޓެސްޓު ހަދައި، އޭގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވުމުންނެވެ.