31 Jan 2021, 07:14
ބޮލީވުޑްގެ މަޝްހޫރު ތަރި ކާތިކް އާރްޔަން "ފްރެޑީ" ގެ ބަތަލާ އަކަށް ކެޓްރީނާ ކައިފް ހަމަޖައްސައިފި ކަމަށް ޚަބަރުތައް ބުނެފިއެވެ.
މިދިޔަ މަހު ކާތިކް އާއެކު "ފްރެޑީ" ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އޭރު ކާތިކް އާއެކު މި ފިލްމުން ފެނިގެންދާނީ ކޮން ބަތަލާއެއް ކަމަށް ހާމަކޮށްފައެއްނުވެއެވެ. މި ފިލްމަށް ކެޓްރީނާ ހަމަޖައްސައިފި ނަމަ ފްރެޑީ ވެގެންދާނީ ކާތިކް އާ ކެޓްރީނާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
އާ ޖޯޑުތައް ސްކްރީނުން ފެންނަން އާންމުން ބޭނުންވާއިރު މި ޖޯޑުގެ ކެމިސްޓްރީ ބަލަން ގިނަ ބަޔަކު ބޭނުންވެއެވެ. އަޖޭ ބާލް ޑައިރެކްޓްކުރާ މި ފިލްމަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ވަރުގަދަ ފިލްމެއް ކަމަށާއި މި ފިލްމުގައި ކާތިކް ވެސް ފެނިގެންދާނީ ވަރަަށް ތަފާތު ރޯލަކުން ކަމަށް ޚަބަރުތައް ބުނެއެވެ.
ޝާހްރުކް ޚާން ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަށް ކެޓްރީނާ މިހާރު ސޮއިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނާއިރު ފިލްމުގެ މަޝްވަރާތައް މިހާރުވެސް އޭނާ ކުރަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ފްރެޑީ ގެ ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރޭގައެވެ.