30 Jan 2012, 13:16
ރެއާލް މެޑްރިޑަށް ވާދަވެރި ބާސެލޯނާގެ މައްޗަށް ކުރި ހޯދުމަކީ އުނދަގޫ ކަމެއް ނޫންކަމަށް މިހާރު ގަބޫލުކުރާ ކަމުގައި ރެއާލްގެ ފްރާންސް ފޯވާޑް ކަރިމް ބެންޒެމާ ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ސްޕެނިޝް ކަޕުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުން 2-2 އެއްވަރުވެ، 3-2 ލަނޑުގެ އެގްރިގޭޓޫން ބާސާ އަތުން ރެއާލް ބަލިވުމުން ވަނީ އެމުބާރާތުން ކަޓާފަ އެވެ. ރެއާލްގެ ސެމީގެ ޖާގަ ގެއްލުނީ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން 2-1 ލަނޑުން ބަލިވުމުންނެވެ.
މިސީޒަނުގައި ރެއާލް އާއި ބާސާ ވަނީ ތިން ފަހަރެއްގެ މަތިން ކުރިމަތިލާފަ އެވެ. މިސީޒަނުގައި ބާސާ އާއި ކުޅުނު މެޗަކުން އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައި ވަނީ 2-2 ލަނޑުން އެއްވަރުވި މެޗުގައެވެ. ބާސާގެ ކުޅުން ރެއާލް އަށް މިހާރު ދަސްވެފައިވާ ކަމަށް، 2-2 ލަނޑުން އެއްވަރުވި ސްޕެނިޝް ކަޕުގެ މެޗުގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ބެންޒެމާ ބުނެފައި ވެއެވެ.
"ރެއާލް އަށް ބާސާ ބަލިކުރުމަކީ އުނދަގޫ ކަމެއް ނޫންކަމަށް މިހާރު ގަބޫލުކުރަން. މިހާރު ރެއާލް އަށް ބާސާގެ ކުޅުން ވަރަށް ރަނގަޅަށް ދަސްވެއްޖެ. އެންމެ ފަހުން ބައްދަލުކުރި މެޗުން އަހަރެމެން އެކަން ވާނީ ދައްކުވައިދީފަ. ބާސާ ހުއްޓުވަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ބެންޒެމާ ބުންޏެވެ.
މިސީޒަނަކީ ބެންޒެމާ ރެއާލް އަށް ދައްކަމުންދާ އެންމެ ރަނގަޅު ކުޅުން ދައްކަމުންދާ ސީޒަނެވެ. އޭނާ ވަނީ މިސީޒަނުގައި ކުޅުނު 33 މެޗުން އަށާރަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.