ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ބަޔަކަށް ވުމުން ކަނޑު ދަތުރުފަތުރަކީ ދިވެހީން އެކަމަށް އެންމެ ބޮޑަށް ބަރޯސާ ވެފައިވާ ދަތުރުފަތުރުގެ ގޮތެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ވެސް ބޭނުންކުރާ ވަސީލަތެވެ. އެހެންވުމާ އެކު، އޮޑިދޯނިފަހަރު އެހެލައި މަރާމާތު ކުރުމަށް ހާއްސަ ބޯޓުޔާޑުތަކުގެ ހިދުމަތްތަކަކީ ކޮންމެހެން ރާއްޖެއަށް ބޭނުންވާ ހިދުމަތްތަކެވެ. އެ ހިދުމަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގެ ފޯރުކޮށްދޭ ތަނަކީ އެމްޓީސީސީގެ ބޯޓް ޔާޑް އެވެ.

ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް ހާއްސަ އެފަދަ ހިދުމަތް ދޭ ތަންތަން މަދެވެ. އެހެންނަމަވެސް އެމްޓީސީސީއަކީ އެ ހިދުމަތް ރާއްޖޭގައި އެންމެ ވަރުގަދައަށް ފޯރުކޮށްދޭ ކުންފުންޏެވެ. ތިލަފުށީގައި ހުންނަ ބޯޓްޔާޑްގެ ހިދުމަތަކީ ރާއްޖޭގައި އެފަދަ ހިދުމަތްތައް ފޯރުކޮށްދޭ އެންމެ ދުވަސްވީވެސް ތަނެވެ.

އެމްޓީސީސީއިން ބޯޓުޔާޑުގެ ހިދުމަތްދޭތާ ވަނީ 40 އަހަރުވެފަ އެވެ. އެންމެ ފުރަތަމަ އެ ހިދުމަތް ދޭން ފެށިއިރު އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އޮޑި ދޯނި ފަހަރު ބަނުމަށް ލަކުޑީގެ މަސައްކަތް ކުރުމާއި އިންޖީނު އެޅުމާއި މަރާމާތުގެ އެކި މަސައްކަތެވެ. އެހެންނަމަވެސް ޒަމާނީ ބަދަލުތަކާ އެކު ހިދުމަތްތައް އިތުރުވެ ބޯޓްޔާޑްގެ މަސައްކަތްތައް ވަނީ އިތުރުކޮށްފަ އެވެ.

އެމްޓީސީސީގެ ބޯޓްޔާޑުގައި ޑޮކް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ --- ފޮޓޯ : އެމްޓީސީސީ

އެގޮތުން މިހާރު އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ފައިބަރު، ލަކުޑި އަދި ދަގަނޑު އުޅަނދުފަހަރުގެ ހަލް އަދި މަތިވަޑާމުގެ މަސައްކަތްތައް ހިމެނެ އެވެ. އެ ބޯޓުޔާޑަކީ ވެލްޑިން އަދި މެޓަލް ފެބްރިކޭޝަންގެ އިތުރުން ރާއްޖޭގައި ސެޓްފިކެޓްލިބި އަންޑާވޯޓާ ވެލްޑިން އަދި ކަޓިންގެ ހިދުމަތް ވެސް ފޯރުކޮށްދޭ ތަނެކެވެ. އޭގެ އިތުރުން ތިލަފުށި ބޯޓުޔާޑުން އޮޑިދޯނިފަހަރުގެ ހުރިހާ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް މަސައްކަތަކާއި އިންޖީނު މަރާމާތުކުރުމާއި ޝާފްޓް ހެދުމުގެ އިތުރުން ތެދުކުރުން އަދި ބުރަފަތި މަރާމާތުކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދޭ ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޓީސީސީ އިން ބުނީ އެ ބޯޓްޔާޑް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޯޓްޔާޑް ކަމަށެވެ. އެގޮތުން އެ ބޯޓްޔާޑުގައި އެއް ފަހަރާ 20 އުޅަނދު އެހެލައިގެން ހިދުމަތް ދެވޭނެ ޖާގަ އޮތް ތަނެއް ކަމަށް ފާހަގަކޮށްފައިވެ އެވެ. ބޯޓުޔާޑަކީ ހަންލައްވައިގެންނާއި ކެރޭނު ބޭނުންކޮށް އަދި ބޯޓު ހޮއިސްޓް ބޭނުންކޮށްގެން އޮޑިދޯނިފަހަރާއި ލޯންޗު އެހެލުމުގެ ހިދުމަތްތައްދޭ ތަނެވެ. އެ ބޯޓުޔާޑަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު ބޯޓު ހޮއިސްޓްގެ ހިދުމަތް ފޯރުކޮށްދޭ ތަނެވެ. ޖުމްލަ 200 ޓަނުގެ ބޯޓު ފަހަރު މިތަނުގައި ހުންނަ ހޮއިސްޓްއިން ރައްކާތެރިކަމާ އެކު އެއްގަމަށް އެހެލައި މޫދަށް ބޭލުމުގެ އެތަނުން ދެވޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އެއީ ރާއްޖޭ އަދި ރާއްޖެއިން ބޭރުން އަންނަ ކަނޑު އުޅަނދުފަހަރަށް އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ހަމައެކަނި ބޯޑުޔާޑު ކަމަށްވެސް އެކުންފުނިން ފާހަގަކުރެ އެވެ.

ތިލަފުށި ބޯޓުޔާޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިހާރު ވަނީ ހާއްސަ ކެންޕެއިނެއް ފަށާފައެވެ. "އެހެލުމަށް ލުޔެއް"ގެ ނަމުގައި ތައާރަފުކުރި އެ ކެންޕެއިނަކީ އިގުތިސީދީ ގޮތުން ހައްސާސީ ދަނޑިވަޅެއްގައި ހެޔޮއަގުގައި ބޯޓުޔާޑުގެ ހިދުމަތް ހޯދުމުގެ ފުރުސަތު އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ދިނުމަށް ފެށި ކެންޕެއިނެކެވެ. އެކެންޕެއިންގެ ދަށުން ބޯޓުޔާޑުގައި އޮޑިދޯނި އެހެލުމާއި ބޭލުމަށް ނަގާ ފީ އަދި ބިމު ކުލި ވަނީ ކުޑަކޮށްފަ އެވެ.

ބޯޓްޔާޑުގައި އަންޑަވޯޓާ ވެލްޑިންގެ މަސައްކަތް ކުރިއަށް ގެންދަނީ --- ފޮޓޯ : އެމްޓީސީސީ

އެ ކެންޕެއިނާ ގުޅޭ ގޮތުން އެމްޓީސީސީ ބޯޓުޔާޑުގެ ޑޮކްމާސްޓާ މުހައްމަދު ސިނާން ވިދާޅުވީ އެ ކެމްޕެއިންއަކީ ކަސްޓަމަރުންނަށް ހެޔޮ އަގެއްހައި ތިލަފުށި ބޯޓުޔާޑުގެ ހިދުމަތްތައް އިހުތިޔާރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ފެށި ކެންޕެއިނެއް ކަމަށެވެ.

އެ ކެންޕެއިންގެ ދަށުން އެކި ސައިޒްތަކުގެ ބޯޓުތައް އެހެލުމާއި އެހެލާފައި ބާއްވާ ތަނަށް ދައްކަން ޖެހޭ ބިމު ކުލީގެ އަގުތަކަށް ބަދަލުގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިނާން ވިދާޅުވީ އުޅަނދުތައް އެހެލުމަށް ނަގާ ފީ އަދި ބިމުކުލި ކުޑަވުމުން އޭގެ ފައިދާ ހިދުމަތް ހޯދާ ފަރާތްތަތަކަށް ލިބޭތީ، މިހާރު ބޯޓު ޔާޑުގެ ހިދުމަތް ހޯދަން ދާ ކަސްޓަމަރުން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ސިނާން ވިދަޅުވީ ތިލަފުށި ބޯޓުޔާޑަކީ އޮޑިދޯނި ފަހަރަށް ބޭނުންވާ ކުދި އަދި ބޮޑެތި މަރާމާތު ކުރުމުގެ ހިދުމަތް އެންމެ ހެޔޮ އަގުގައި ލިބޭ އެއްތަންކަމަށެވެ. އެގޮތުން ދޯނީގެ ފެހި ކަހައި ކުލަލުމާއި އިންޖީނުގެ މަރާމާތާއި ވަޑާމުގެ ހިދުމަތުގެ އިތުރުން ފައިބަރު މަސައްކަތާއި ވެލްޑިން މަސައްކަތް ހެޔޮ އަގުގައި އެތަނުން ލިބޭނެ ކަމަށް ސިނާނު ވިދާޅުވި އެވެ.

ބޯޓްޔާޑުގައި ވޯޓާ ބްލާސްޓްކޮށްގެން އުޅަނދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ --- ފޮޓޯ : އެމްޓީސީސީ

އެ ބޯޓުޔާޑުންދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ވަރުގަދަކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ވަނީ ރާވާފައި ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އެގޮތުން ކައިރި މުސްތަގުބަލެއްގައި އެތަނަކީ ބައިނަލްއަގުވާމީ ޑޮކަކަށް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެކުންފުނިން ވަނީ ބުނެ އެވެ. ކުރިޔަށް އޮތް ދެތިން އަހަރުގެ ތެރޭގައި އެތަނަކީ 5،000 ޓަނުން މަތީގެ އުޅަނދުފަހަރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެހެލައި މަރާމާތުކުރުމުގެ ހިދުމަތްދޭ ތަނަކަށް ހެދުމަށް އެމްޓީސީސީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީގެ އަމާޒަކީ ބޯޓުޔާޑުގެ ހިދުމަތްދިނުމުގެ ދާއިރާގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް ދެވޭ ހިދުމަތްތަކަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ހިދުމަތްތަކަކަށް ހެދުން ކަމަށް އެކުންފުނިން ބުނެ އެވެ. ބޯޓުޔާޑުގެ މުސްތަގުބަލު އުޖާލާކުރުމަށް މިހާރު ހުރި ވަސީލަތްތައް އަދި ވެސް އިތުރަށް ފުޅާކޮށް، ތަނުގެ އުމްރާނީ ތަރައްގީއާއި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މަސައްކަތް ކުރާ ދާއިރާއިން ތަމްރީންލިބިފައިވާ ގާބިލު ބަޔަކަށް ހެދުމަށް އެމްޓީސީސީއިން އިސްކަންދޭ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.