30 Jan 2021, 13:00
ކޮވިޑް-19 ބަލިމަޑުކަން ފެތުރުން އަނެއްކާވެސް އިތުރުވެފައިވާތީ އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކަށް ބަދަލު ގެނެސް ހުރިހާ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ނިސްބަތަށް ބަލައި ފެތުރެމުންދާ އަދަދު އިތުރުވުމާއި ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ކަރަންޓީންގައި ބައިތިއްބަން ޖެހުމުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން އޯޕީޑީ ކޮންސަލްޓޭޝަންތައް ނަގަން ފަށާނީ އޮންލައިންކޮށް ކަމަށް އޭޑީކޭ އިން ބުނެއެވެ. މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ލޮކްޑައުންކުރި ދުވަސްވަރުގައިވެސް ހޮސްޕިޓަލުން ވަނީ އޮންލައިން ކޮންސަލްޓޭޝަންތައް ފޯރުކޮށްދީފައެވެ.
އޭގެއިތުރުން ބަލި މީހުން އެޑްމިޓް ކުރުން މި ވަގުތަށް މެދުކަނޑާލުމާއި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރާތް ނުކުރެވޭގޮތަށްވެސް އޭޑީކޭއިން ވަނީ ނިންމާފަ އެވެ. އަދި އިލެކްޓިވް ސާޖަރީތައްވެސް މިއަދުން ފެށިގެން މެދުކަނޑާލާނެ ކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ.
އަލަށް ގެނައި ބަދަލުތަކާއެކުގައިވެސް ހޮސްޕިޓަލުގެ އިމާޖެންސީ ހިދުމަތްތަކާއި އިމާޖެންސީގައި އެޑްމިޓް ކޮށްގެން ދޭން ޖެހޭ ހިދުމަތްތަކާއި ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަނީ އޭޑީކޭއިން ދީފަ އެވެ.
އޭޑީކޭއިން އިލްތިމާސްކުރަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ލިބުން ކަމަށެވެ. އެގޮތުން ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިޔުމާއި އަދި ދާން ޖެހިއްޖެ ހާލަތެއްގައިވެސް އެކަކަށްވުރެ ގިނަ މީހުން ނުގެންދާ ގޮތަށް ދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.
އޭގެއިތުރުން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައި ގިނަ ގިނަގިނައިން ސެނިޓައިޒް ކުރުމަށް އޭޑީކޭއިން އިލްތިމާސްކުރެ އެވެ.