ނިއުދިއްލީ (ޖަނަވަރީ 30) : ކޮވިޑް-19 އާ ދެކޮޅަށް ވެކްސިންތައް އުފައްދައި އެވެކްސިންތައް ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދިނުމުގައި އިންޑިއާގެ ދައުރު ބޮޑުކަމާއި އެއީ އިންޑިއާގެ ބައިނަލްއަގްވާމީ ޒިންމާ ކަމަށް ސިފަކުރައްވައި އެޒިންމާ އަދާކުރަމުންގެންދެވޭތީ އުފާ ކުރައްވާކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ސްވިޓްޒަލޭންޑްގެ ޑާވޮސްގައި ބާއްވާ ބައިނަލްއަގްޥާމީ އިގްތިސާދީ ފޯރަމްގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކާގައި ނަރަންދުރަ މޯދީ ވިދާޅުވީ އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފެއްދީ ދެ ވެކްސިން ކަމަށްވިޔަސް މުސްތަގްބަލްގައި ކޮވިޑްއާ ދެކޮޅަށް އިތުރު ވެކްސިންތައް އިންޑިއާއިން އުފައްދައި ހެޔޮ އަގުގައި އެތަކެތި ދުނިޔޭގެ ބާޒާރަށް ނެރޭނެއެވެ.

އިންޑިއާއިން ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އުފައްދާފައިވާ އެއްވެކްސިން އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި ސްވިޑްންގެ އަސްޓްރާޒެނިކާ ކުންފުނިން އީޖާދުކުރި ވެކްސިންއެކެވެ. މިވެކްސިން އިންޑިއާގައި އުފައްދަމުން ގެންދަނީ އެދެފަރާތުގެ ޚާއްސަ ހުއްދައެއްގެ (ލައިސަންސެއްގެ) ދަށުންނެވެ. އޮކްސްފޯޑް ޔުނިވަސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ޔޫރަޕްގައި އުފައްދަނީ އޭގެ ޔޫރަޕްގެ ވާޝަން އެވެ. އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދަނީ މިވެކްސިންގެ އިންޑިއާ ވާޝަން އެވެ. "ކޮވިޝީލްޑް"ގެ ނަމުގައި އިންޑިއާއިން އުފައްދާ އިންޑިއާގެ ވާޝަން އަށް ދުނިޔޭގެ ސިއްޙަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ)ގެ ހުއްދަ އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް މިވެކްސިން އިންޑިއާގައި ވަނީ ބޭނުންކުރަން ފަށާފަ އެވެ.

ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފައްދާފައިވާ ދެވަނަ ވެކްސިންއަކީ އިންޑިއާގެ އަމިއްލަ އީޖާދެކެވެ. "ކޮވެކްސިން"ގެ ނަމުގައި ތއާރަފްކޮށްފައިވާ އިންޑިއާގެ އަމިއްލަ ވެކްސިން އުފައްދަނީ އިންޑިއާގައި ބޭސްއުފައްދާ ބައޮޓެކްނޮލޮޖީ ކުންފުންޏެއްކަމަށްވާ "ބާރަތު ބައޮޓެކް އިންޓަނޭޝަނަލް ލިމިޓެޑް" އާއި ސިއްހަތާބެހޭ އިންޑިއާގެ ރީސާޗް އިދާރާއެއް ކަމަށްވާ "އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް" ގުޅިގެންނެވެ.

އިންޑިއާއަކީ ވެކްސިންއާއި ބޭސްއުފެއްދުމުގައި އޭގެ އަގާއި މިންވަރު ނުވަތަ އަދަދަށް ބަލާއިރު ވަރަށް ކުރީގައި އުޅޭގައުމެކެވެ. މިގޮތުން އިންޑިއާއަކީ ދުނިޔޭގެ ބޭހުގެ މައިކާރުޚާނާގެ ގޮތުގައި ސިފަކުރެވެއެވެ. ނަމަވެސް ބޭސްތަކުގެ ކޮލިޓީ އިންޑެކްސްގައި އިންޑިއާ އެހާ މަޝްހޫރެއް ނޫނެވެ. ބޭސްތަކުގެ ކޮލިޓީއަށް ބަލާއިރު ދުނިޔޭގައި އެންމެ މަޝްހޫރީ ޔޫރަޕާއި އެމެރިކާ އަދި ރަޝިއާގެ ބޭސްތަކެވެ. (ނޫސްއެޖެންސީތައް)