29 Jan 2021, 22:53
އިދިކޮޅު މުޒާހަރާއިން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 12 މީހުން ދޫކޮށްލައިފި އެވެ.
މިއަދު ހަވީރު އިދިކޮޅުން މާލެއާއި ރަށްރަށުގައި މުޒާހަރާ ކުރީ "އިންސާފު ކޮބާ؟"ގެ ނަމުގައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން"އަށް ވިދާޅުވީ، މުޒާހަރާ ތެރެއިން 12 މީހަކު ހައްޔަރު ކުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، މުޒާހަރާ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަަށް ގެންދިޔަ އެންމެން މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގް (ޓޮމް)އާއި ޕާޓީގެ ކައުންސިލް މެމްބަރުންވެސް ހިމެނެ އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުން ދެމެހެއްޓި ދުވަހުން ފެށިގެން އިދިކޮޅުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި ހަފްތާ ތެރޭގައި ބޭއްވި މުޒާހާރާތަކުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ހައްޔަރު ކުރިއެވެ. އެމީހުން ބަންދުންގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކޯޓުން އިއްޔެ ވަނީ އެމީހުން ދޫކޮށްލާފައެވެ.