30 Jan 2012, 13:08
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އިން މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް 127 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއިކުރައްވައި އެ އޮފީހުން އިއްޔެ އާއްމުކުރި ޑިފެންސް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ މިނިސްޓްރީ އަށް 2010 ވަނަ އަހަރު ފާސްކުރި 542،609،888ރ.ގެ ބަޖެޓަށް ވުރެ އިތުރަށް 127،096،018ރ. ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާ ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ 4.06 މާއްދާގެ (ހ) އާ ހިލާފަށް ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ ޑިފެންސް މިނިސްޓްރީން ގާނޫނާ ހިލާފަށް ހަރަދުކުރި ފައިސާ އަކީ އެކިފަހަރުމަތިން ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން ޑިފެންސް މިނިސްޓްރީ އަށް ދިން ފައިސާ އާއި އެ މިނިސްޓްރީގެ ބަޖެޓުގައި ހިމަނާފައިވާ ކޮންޓިންޖެންސީ ކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2010 ވަނަ އަހަރު ޑިފެންސް މިނިސްޓްރީން ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކަށް 1،476،130ރ. ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް މާލިއްޔަތު ގަވާއިދުގެ 5.13 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުށަހަޅަން ޖެހޭ "ދަތުރު ރިޕޯޓް" ހުށަހަޅާފައިނުވާ ކަމަށާއި އެހެންކަމުން އެ މިނިސްޓްރީން ރާއްޖެ އިން ބޭރަށް ކުރި ދަތުރުތަކުގައި ފައިސާ ހޭދަކޮށްފައި ވަނީ ދައުލަތަށް އެންމެ މަންފާ ވާނެ ގޮތަށް ކަމަށް ޔަގީން ނުކުރެވޭ ކަމަށެވެ.
އަދި ހަރުމުދާ ހޯދުމަށް 2010 ވަނަ އަހަރު 18،165،153ރ. ހަރަދުކޮށްފައިވާ ކަމަށާއި ނަމަވެސް ހަރުމުދާ ބެލެހެއްޓުމުގައި މާލިއްޔަތު ގަވާއިދުގެ 7.01 މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތާ ހިލާފް ވެ، އެ މިނިސްޓްރީން ހަރު މުދަލުގެ ރެކޯޑް ބަލަހައްޓާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އަހަރު ހިސާބު ކުރުމުގައި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ހަވަނަ ބާބުގެ ނުވަ ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފުވެފައިވާ ކަމަށާއި އެ ގަވާއިދުގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވައުޗަރު ރަޖިސްޓްރީ އެއް ބަލަހައްޓަމުން ގެންގޮސްފައިނުވާތީ ހިނގާފައިވާ ހުރިހާ ހަރަދެއް ހިސާބުކޮށްފައިވާ ކަން ކަށަވަރު ނުކުރެވޭ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓްކުރުމުގައި އޮޑިޓާ ޖެނެރަލް އަށް ފާހަގަކުރެވުނު އިތުރު ކަންތައްތައްތަކުގެ ތެރޭގައި ބުނެފައި ވަނީ ބަޖެޓުގެ ކޮންޓިންޖެންސީގެ ގޮތުގައި ހަމަޖައްސާފައިވާ ފައިސާ ހަރަދު ކުރަންޖެހެނީ ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމުގައި ކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓްރީގެ ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި ހުރި 26.47 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ އޮފީސް ހިންގުމުގައި އާއްމުކޮށް ކުރަން ޖެހޭ ހަރަދުތަކަށް ކަމަށެވެ.
އަދި 1980 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމަޔަށް އެމިނިސްޓްރީގެ 45 މުވައްޒަފަކަށާއި އާއްމު ހަތަރު ފަރާތަކަށް އެ މިނިސްޓްރީން ދޫކޮށްފައިވާ ލޯނުތައް އެ ފަރާތްތަކުން ގަވާއިދުން ނުދެއްކުމުގެ ސަބަބުން 2010 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބެންޖެހޭ 3،980،402ރ. ނުލިބިވާ ކަމަށާއި ނަމަވެސް އެފަރާތްތަކާ މެދު ގާނޫނު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަން ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މީގެ އިތުރުން 2001 ވަނަ އަހަރު ނީލަމުން އެމިނިސްޓްރީއަށް ނަގާފައިވާ ލޯންޗެއް 2010 ވަނަ އަހަރުގެ ނިޔަލަށް ވެސް ބޭނުން ނުކޮށް އެމްއެންޑީއެފް ބޯޓު ޔާޑުގައި ބާއްވާފައިވާ ކަމާއި ބަނޑޭރި ކޮށިންނާއި ވިލިނގިލީގެ ސިފައިންގެ ފްލެޓުގައި ވަޒީފާ އިން ވަކިވެ، އެގްރީމަންޓް ހަމަވެފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ރަޖިސްޓްރީގައިވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ދިރިއުޅެމުންދާކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި އެކަން އިތުރަށް ބަލައި ސިފައިންގެ ގަވާއިދާ ހިލާފަށް ފްލެޓް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފްލެޓް ހޯދައި އޭގެ ހައްގުވެރިންނަށް ފްލެޓް ހަވާލުކުރުމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ހިސާބު ބެލެހެއްޓުމާއި ހަރަދުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ އެތަށް ކަމެއް ފާހަގަކޮށް އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ 2010 ވަނަ އަހަރު ބަޖެޓް ކުރި އަދަދަށް ވުރެ އިތުރަށް އެ މިނިސްޓްރީން ހަރަދުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ބަޖެޓް ފާސްވެގެން ދިޔައިރު މުވައްޒަފުންގެ މުސާރަ ފަދަ، ބަޖެޓުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކަށް ފުދޭވަރަށް ބަޖެޓަށް ފައިސާ ލިބިފައި ނެތުން ކަމުގަ އެވެ. އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ހިމެނޭ ކަރަންޓާއި ފެނުގެ އަގު ބޮޑުވެ، އެކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ވަރަށް ވުރެ އެތައް ގުނައަކަށް ހަރަދު ބޮޑުވެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.