29 Jan 2021, 20:52
ސާނަވީ އަދި މަތީ ސާނަވީ ނިންމާ އިމްތިހާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ރަސްމީ ޖަލްސާގައި ހަމައެކަނި އެއްވަނަ އަށް ހޮވުނު ދަރިވަރުންނަށް އިނާމު ދޭން ނިންމުމުން ދަރިވަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ސްކޫލުތަކުގެ އިސްވެރިނަށް ފޮނުވާފައިވާ ލިޔުމުގައި ވަނީ 2019 ވަނަ އަހަރުގެ އޭލެވެލް އަދި އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބާއްވާ ޖަލްސާ މި އަހަރު ދެ ގޮތަކަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ގަދަ 10 އަށް ހޮވުނު ދަރިވަރުންގެ ތެރެއިން އެއްވަނަ ހާސިލުކުރި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެއްވަނަ އަށް ހޮވުނު ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން މުޅި ދުނިޔޭން އެއްވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ފެބްރުއަރީ 25 ވަނަ ދުވަހުގެރޭ ރަސްމީ ޖަލްސާ އެއް ބާއްވާނެ ކަމަށެވެ.
މިވަގުތު މި ޖަަލްސާ ބާއްވަން ނިންމާފައިވަނީ ތާޖުއްދީނު ސްކޫލުގައި ނަމަވެސް ކޮވިޑް19ގެ ހާލަތަށް ރިއާޔަތްކޮށް ޖަލްސާ ބާއްވާ ފޯމެޓު ބަދަލުވެދާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ގަދަ 10 އަށް ހޮވުނު ދަރިވަރުންގެ ތެރެއިން ދެވަނަ އިން ފެށިގެން 10 ވަނަ އާއި ހަމައަށް ހޮވުނު ދަރިވަރުންނާއި އެހެން ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން 21 މާޗު ވަަނަ ދުވަހު ބާއްވާ އޮންލައިން ޖަލްސާއެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ދަރިވަރުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނީ ގަދަ 10 ގައި ހިމެނުނު ހުރިހާ ދަރިވަރުންނަކީ ވެސް އެ ހިސާބަށް ދިޔުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ރަސްމީ ޖަލްސާގައި އިނާމު ހާސިލު ކުރުމަށް އުއްމީދުތަކެއް ކުރާ ދަރިވަރުންތަކެއް ކަމަށް ބުނެއެވެ.
"ހަމައެކަނި އެއްވަނަ އަށް ދާ ކުދިންނަށް ރަސްމީ ޖަލްސާއެއް ބާއްވާ އިނާމު ދިނުން އެންމެ ހަމަހަމަ ގޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން އެންމެންނަކީވެސް ޓޮޕް10 ޖަލްސާގައި އިނާމު ލިބޭނެ ދުވަހަކަށް ދިގު އިންތިޒާރެއް ކުރި ކުދިން،" ސަން އާ ވާހަކަ ދެއްކި ގަދަ 10 ގައި ހިމެނުނު ކުއްޖަކު ބުންޏެވެ.
މި ހިތްހަމަ ނުޖެހުންތަކާއެކު އެޑިއުކޭޝަންގެ ނިންމުން ބަދަލުކޮށް ހުރިހާ ކުދިންނަށް ޖަލްސާގައި ބައިވެރިވވޭނެ ފުރުސަތު ދީ، ގަދަ10 ގައި ހިމެނޭ ހުރިހާ ދަރިވަރުންނަށް ސްޓޭޖުމަތިން އިނާމު ދޭގޮތަށް ހަމަޖެއްސުމަށް ގޮވާލާ ޕެޓިޝަނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.
ކުދިންގެ ހުށަހެޅުމަކީ ހުރިހާ ކުދިން ބައިވެރިކޮށްގެން ޖަލްސާ ބޭއްވޭނެ ގޮތް ފަހި ވަންދެން ޖަލްސާ ފަސްކުރުމެވެ. އެގޮތުން ގަދަ 10 ގައި ހިމެނޭ ހުރިހާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން އަދި ޓީޗަރުން، ކުދިންގެ ކާމިޔާބީ ފާހަގަ ކުރުމަށް އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވަނީ ގޮވާލައިފައެވެ.
މީގެ ކުރިންވެސް އެޑިއުކޭޝަނުން ވަނީ އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން ހަމައެކަނި ގަދަ ތިނެއްގައި ހިމެނޭ ކުދިންނަށް އިނާމު ދިނުމަށް ރަސްމީ ޖަލްސާ ބާއްވަން ނިންމައިފައެވެ.
އޭރު މިނިސްޓްރީން ބުނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން ނިންމީ ހަފުލާ މާ ބޮޑަށް ދިގުދެމިގެން ދާތީ ކަމަށެވެ.
ނަމަވެސް ކުދިންގެ ހިތްހަމަ ނުޖެހުންތަކާއި އާންމުންގެ ފާޑުކިޔުންތަކާއެކު ގަދަ10ގައި ހިމެނުނު ހުރިހާ ދަރިވަރުންނަށްވެސް ރަސްމީ ޖަލްސާގައި އިނާމު ދޭން ފަހުން ނިންމިއެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އޭލެވެލް އަދި އޯލެވެލް އިންތިހާނު ހެދި ދަރިވަރުންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ޖަލްސާ ބާއްވާފައި ނުވަނީ ކޮވިޑް19ގެ ހާލަތާ ގުޅިގެންނެވެ.