29 Jan 2021, 20:39
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިންތހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ގަވައިދާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ގަވައިދާއި، މި އިންތިހާބާ ގުޅިގެން ހަދާފައިވާ ގަވައިދުތަކާއި ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެފަދަ ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅަން ވާނީ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" އިންނެވެ. އެ ފޯމް ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ އެވެ.
އިންތިހާބާ ގުޅިގެން ޝަކުވާ ހުށަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ ކޮމިޝަންގެ ރަސްމީ އީމެލްއެޑްރެސް،[email protected]އަށެވެ.
ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާ ތާރީހަކީ އެޕްރީލް 10 އެކެވެ.