އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.

ފުލުހުން އެގޮތައް ބުނީ، މިދިޔަ ބުދަ ދުވަހު ވެކްސިނާ ދެކޮޅަށް އިދިކޮޅުން ކުރި އިހުތިޖާޖުގެ ތެރެއިން އެ ދެމީހުން ހައްޔަރުކުރުމަށްފަހު، މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބޭއްވި އަޑުއެހުމުގައެވެ. އެމީހުން ހައްޔަރު ކޮށްފައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ.

އެމީހުން ދޫކޮށްލި ކޯޓު އަމުރުގައި ބުނީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ޓްރެފިކަށް ދަތިކުރި ކަމުގެ ހެކި ހުރި ނަމަވެސް ދޫކޮށްލީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާތުގެ ގަވައިދުގައި މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ހާލަތްތަކުގެ ތެރެއިން ހާލަތަކަށް ނުފެތޭތީ ކަމަށެވެ.

ކޯޓު އަމުރުގައި ބުނީ، އެ ދެމީހުންގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވުމުގައި ރިއާޔަތް ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ކޯޓު އަމުރުގައި ބުނެއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ފުލުހުން ކޯޓުގައި ބުނީ އެމީހުން ހައްޔަރުކުރީ އާންމު ދަތުރުފަތުރުކުރާ މީހުންނަށް އުދަނގޫވާނެ ގޮތަށް މަގުމަތީގައި އިށީނދެ، އަޑުގަދަކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާތީ ކަމަށެވެ.

އަދުރޭ އާއި ޝުޖާއު އެތަނަށް ދިޔައީ ކޮވިޑް ވެކްސިނާ ގުޅޭގޮތުން ހެލްތް މިނިސްޓްރާ ބައްދަލުކުރުމަށްކަމަށް އެ ދެމީހުންގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.

އަދުރޭ އާއި ޝުޖާއު ހައްޔަރުކޮށްފައިވަނީ ދަރުބާރުގޭ ކުރިމަތިންނެވެ.