އިންޑިއާގެ ކުރީގެ ޕްރައިމް މިނިސްޓަރު އިންދިރާ ގާންދީ ގެ ރޯލަށް ބަތަލާ ކަންގަނާ ރަނައުތު ހަމަޖައްސައިފިއެވެ.

ސައި ކަބީރު ގެނެސްދޭ ޕޮލިޓިކަލް ޑްރާމާ އާ ގުޅޭގޮތުން ކަންގަނާ ބުނީ މި ފިލްމަކީ ބަޔޮޕިކް އެއް ނޫން ކަމަށާއި މި ފިލްމަކީ އިންޑިއާގެ ޕޮލިޓިކަލް ތާރީޚު ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ފިލްމެއްކަމަށެވެ. އޮޕަރޭޝަން ބްލޫ ސްޓާ އެންޑް ދަ އިމަޖެންސީ ގެ ކަންތައްތައް ވެސް ދައްކުވައިދޭ މި ފިލްމުގެ ސްކްރިޕްޓް މިހާރު އޮތީ ނިމުމަކާ ގާތްވެފައެވެ.

ކަންގަނާ ބުނީ މި ފިލްމު ކުޅެން ކެތްމަދުވެފައި ހުރިކަމަށާއި އިންދިރާ ގާންދީ އަކީ އައިކޮނިކް ލީޑަރެއް ކަމަށެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަންހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަންގަނާގެ ކުރިއަށްވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ތަލައިވީ"، "ތޭޖާސް"، "ދާކަޅް" އަދި "މަނިކަރްނިކާ 2" ފަދަ ފިލްމުތައް ހިމެނެއެވެ.

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ތަލައިވީގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. "ތޭޖާސް" ގައި ކަންގަނާ ފެނިގެންދާނީ އެއާފޯސް ޕައިލެޓެއްގެ ރޯލުންނެވެ.